ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްގެ ސުލޫކީ އިތުރު މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށް ނިންމައިފިއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުގެ ގާނޫނުގެ 22ވަނަ މާއްދާގެ ދަށުން މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމެޓީން މައްސަލަ ބެލުމަށްފަހު، ޖޭއެސްސީގެ ބައްދަލުވުމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކޮމެޓީން ބަލަން ނިންމާފައިވާ މައްސަލައެއްގެ ތަހުގީގު ކޮމެޓީ އެކުލަވާލި ކަމަށެވެ.

ޖޭއެސްސީން ބުނީ ތަހުގީގު ކޮމިޓީ އެކުލަވާލާފައިވަނީ ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްގެ ސުލޫކީ މައްސަލަ ބެލުމަށް ކަމަށެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގައިވެސް އާދަމް އާރިފްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.

ޖޭއެސްސީން މިއަދު ވަނީ ގއ. ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ވެސް ބެލުމަށް ނިންމާފައެވެ. އެ ކޮމިޝަނުން އަންނަނީ ގިނަ އަދަދެއްގެ މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު