ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން މިއަދު އިއުލާން ކުރުމާއި ގުޅިގެން ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީންނަށް ދެމުން ގެންދާ އާއިލީ ބައްދަލުވުންތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މެދުކަނޑާލައިފިއެވެ.

ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން ގައިދީންނާއި ބަންދު މީހުންގެ އިތުރުން ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

އެގޮތުގެ މަތިން ގައިދީންނަށް ދެމުން ގެންދާ އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލާފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ. މީގެއިތުރުން އާއިލާގެ ފަރާތުން ގައިދީންނަށް އަންނައުނު ފޯރުކޮށްދިނުން ވެސް މި ހާލަތާއި ގުޅިގެން ކަރެކްޝަނުން ވަނީ މެދުކަނޑާލާފައެވެ.

ކަރެކްޝަނުން ބުނީ އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލި ނަމަވެސް އާއިލާއާއެކު އޮންނަ ގުޅުން ބަދަހިކޮށް، އިތުރު ފުރުސަތު ހޯދައި ދިނުމުގެ ގޮތުން މިހާރު ފޯނު ކޯލް ދެމުންދާ މިންވަރު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން އެ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިވާ އެއްވެސް ގައިދީއަކު އަދި ބަންދު މީހަކުވެސް ކޯޓަށް ހާޒިރު ނުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ކޯޓުތަކުން ވަނީ އަންގާފައެވެ. ކަރެކްޝަނުން އަންނަނީ މިކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ނެޝަނަލް ޓާސްކް ފޯސް ގުޅިގެން ގައުމީ ފެންވަރުގައި އަޅަން ހަމަޖައްސާފައިވާ އުސޫލުތަކާ އެއްގޮތަށް ގައިދީންނާއި ބަންދުމީހުން އަދި ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތީ އެންމެހާ ކަންތައްތައް ކުރަމުންނެވެ.