ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިން މެގަ އަށް މާލީ ގޮތުން ދިމާވި ދަތިތަކަކާ ހުރެ، ކުންފުނި ބަގުރޫޓުވެގެން އުވާލާފައިވާ މެގަ މޯލްޑިވްސްގެ މުވައްޒަފުންތަކަކަށް އެތަނުގައި ވަޒީފާ އަދާކުރަނިކޮށް މުސާރައިން އުނިކުރި ފައިސާ، އިއްޔެ އިން ފެށިގެން 11 ދުވަހުގެ ތެރޭގައި އެ ފައިސާ މުވައްޒަފުންނަށް ދައްކައި ހަލާސް ކުރުމަށް މެގަ މޯލްޑިވްސް އަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެެވެ.

އެ މުވައްޒަފުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެމީހުން ވަޒީފާ އަދާކުރި އިރު ކުންފުނީގެ ވިޔަފާރި ދައްވެގެން ކަމަށް ބުނެ މުސާރައިން 20 ޕަސެންޓް ފައިސާ އުނިކޮށް އިންވެސްޓަރެއް ލިބި ކުންފުނީގެ ވިޔަފާރި ރަނގަޅުވުމުން އެ ފައިސާ ފަހުންދޭ ގޮތަށް އެއްބަސްވެ އެވެ. ނަމަވެސް ކުންފުނި އުވާލާފައި ވާތީ މުސާރައިން އުނިކުރި ބައި ހޯދުމަށް އެ މުވައްޒަފުން ވަނީ މައްސަލަ ހުށައަޅައިފަ އެވެ.

އަދި އިއްޔެ ސިވިލް ކޯޓުން އެ މައްސަލަ ނިންމައި ކުރި ހުކުމްތަކުގައި ބުނެފައި ވަނީ މުވައްޒަފުންގެ މުސާރައިން އުނިކުރި 20 ޕަސެންޓް ކުންފުނީގެ ވިޔަފާރި ރަނގަޅުވުމުން ދައްކާނެ ކަމަށް ބުނެފައިވީ ނަމަވެސް 7 މާޗު 2018 ވަނަ ދުވަހު މެގަ މޯލްޑިވްސްގެ ލިކިއުޑޭޓަރުގެ ފަރާތުން މުވައްޒަފުންނަށް ސިޓީއެއް ފޮނުވައި ދައްކަން ޖެހޭ ފައިސާ ކަމަށް އެއްބަސްވި ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އެގޮތުން މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި ދައްކަން ޖެހޭ ކަމަށް މަދަނީ މިންގަނޑުން ސާބިތުވެފައި ވާތީ އެފައިސާ ދެއްކުމަށް ވަނީ މެގަ މޯލްޑިވްސް އަށް އަންގާފައި އެވެ. ދައުވާގައި މުވައްޒަފުންގެ ފަރާތުން ނޯޓިސްދިން މުއްދަތަށް ވާ ފައިސާ ހޯދަން އެދުނު ނަމަވެސް އެފައިސާ ނަގައިދެވެން ނެތް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އެއީ ވަޒީފާ ދޭ ފަރާތް ބަނގުރޫޓު ވެއްޖެ ނަމަ ނުވަތަ މަސައްކަތް ހުއްޓާލާ ހާލަތުގައި ނޯޓިސް ދޭން ޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައި ނުވާ ކަމަށާއި އެގޮތުން އެ ފައިސާ ނަގައިދެވޭނެ ގާނޫނީ ބިނާއެއް ނެތް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

މެގަ މޯލްޑިވްސް އަށް މާލީ ގޮތުން ދިމާވި ދަތިތަކަކާ ހުރެ، އެކުންފުނީގެ ފްލައިޓު އޮޕަރޭޝަންސް މިދިޔައަހަރު މެއި މަހު ތެރޭގައި ވަނީ ހުއްޓާލާފައި އެވެ.