ކޮވިޑް 19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންނާއި ކޮވިޑް 19 އަށް ޝައްކު ކުރެވޭ މީހުން ފެނުނު އަށް ރިސޯޓަކުން މުވައްޒަފުން ފޭބުން މަޑުޖައްސާލައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، އެޗްޕީއޭގެ ނިންމުމާއި އެއްގޮތަށް ބައެއް ރަށްރަށުން މުވައްޒަފުން އަރާ ފޭބުން މަނާކޮށްފައިވާ ކަމަށާ، އޭގެ ތެރޭގައި ކުރެއްދޫ، ސަމަރ އައިލެންޑް، ބަތަލާ، އިރުވެލި، ކުރަމަތި، ވިލަމެންދޫ، ސަންގިލީގެ އިތުރުން ސިކްސް ސެންސަސް ލާމު ހިމެނޭ ކަމަށެވެ.

އެ ރިސޯޓްތަކުގެ މުވައްޒަފުން ރިސޯޓްގައި މަޑުކުރަން އެންގީ ކިހާ މުއްދަތަކަށް ކަމެއް މަބްރޫކް ވިދާޅެއް ނުވެއެވެ.

މަބްރޫކް ވިދާޅުވީ އެ ރިސޯޓްތަކަށް މުވައްޒަފުން އަރާ ފޭބުން މަޑު ޖައްސާލާފައި ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށެވެ. އެ ފިޔަވަޅުތަކާއި ގުޅިގެން ރާއްޖޭގައި ކޮވިޑް 19 ފެތުރުން ހުއްޓުވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެނާ ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިހާތަނަށް ކޮވިޑް 19 ފެނުނު ރިސޯޓްތަކުން މީހުން ފުރާފައިވާ ގޮތުގެ ތަފްސީލް ވެސް މަބްރޫކް ވަނީ ހިއްސާކުރައްވާފައެވެ.

"ކޭސްތަށް ފެނިފައިވާ ރަށްތަކުން ފުރާފައިވާ މީހުންގެ އަދަދުތަކަށް ބަލާއިރު ޖުމްލަ ގޮތެއްގައި ބަތަލާއިން 126 މީހަކު ފުރާފައިވޭ، ކުރަމަތި ރިސޯޓުން 73، އަދި ކުރިންވެސް ދަންނަވާލިހެން 220 މީހަކު ދެއްތޯ، ވަނީ ފުރާފައި." މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު މިހާތަނަށް ކޮވިޑް 19 އާއި ގުޅިގެން ނެގި 108 ސާމްޕަލްގެ ތެރެއިން ފައްސިވީ 9 މީހުންނެވެ. އަދި 92 ފަރާތެއް ނައްސި (ނެގެޓިވް) ވެފައި ވާއިރު، ލެބޯޓްރީ އާއި ހަމައަށް ސާމްޕަލް ގެންގޮސް ނަތީޖާ ނުލިބި ވަނީ ޖުމުލަ 18 ސާމްޕަލެކެވެ.

އެޗްޕީއޭއިން ވަނީ ރިސޯޓުތަކާއި ސަފާރީތަކުގައި ތިބޭ ޓޫރިސްޓުން އެކްސްކާޝަނަށް ދިއުން ވެސް މަނާކޮށްފައެވެ. އަދި އާއްމު ޕާކްތައް ބަންދުކޮށް، ސްކޫލްތައް ހުޅުވުން ވެސް ވަނީ ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯހަލާކު

    ކޮބާހޭ ޖުމައިރާގެ ވާހަކަ. ކިހާ ދެރަކަމެއް. އެތަންވެސް އޮތީ ތިހެން ހަދާފައޭ

  2. ޓައްޕު

    ފަރުކޮޅުފުށި ގައި އައިސަލޭޓް ކުރި ގެސްޓް މުސްކުޅިވެރިން ކޮޓަރީގައި ނުތިބެ ރަށުތެރޭގައި ހިގަނިއްޔޯ އެތާގައުޅޭ މަސަތްކުރަން ބިދޭސީންނާ ދިވެހިންނާ އެމީހުންގެ ރައްކާތެރިކަން ކޮބާ ހަމަ އެކަނި ނިންޖާއިންލާ ކަހަލަ ޝޫޓަކާ ގައިގަ ވަށާ ކެމިކަލް ދިނުމަކުން ނުފުދޭ ގެސްޓުން އައިސަލޭޓް ކޮށްފަ ތިބެނީ ރަށުތެރޭ ހިގަހިގާ އެމީހުން ހުއްޓުވަންޖެހޭ ކިހާދެރަކަމެއް ވަޒީފާގެ ބިރަށް ނިކަމެތިން އަމިއްލަ ނަފްސު ނުރައްކަލަށް ހުށައަޅައިގެން އެތާ މަސައްކަތްކުރާ އިރު ސަލާމަތާ ރައްކާ ތެރިކަން ކަށަވަރު ކުރަން ޖެހޭނެ މަސައްކަތް ތެރިންނަށް ބޭނުންވާ ސާމާނުވެސް އެތާކު ހަމަޔަކަށް ނެތޯ