ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ ދައުވާއެއްގެ އަޑުއެހުމެއް މިއަދު ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ތިން ބޭފުޅުންގެ ޝަރީޢަތް ތާވަލް ކޮށްފައި ވަނީ މެންދުރު ފަހު 15:00 އަށެވެ. މިއަދު ބާއްވަން ތާވަލް ކޮށްފައި ވަނީ ތިން ބޭފުޅުންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައިވާ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމެކެވެ.

އަދުލް އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ މައުމޫނާއި، އަބްދުﷲ ސައީދާއި، އަލީ ހަމީދުގެ މައްޗަށް ކުރަނީ އެ ބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ހެކިތަކެއް ހުރި ކަމަށް ބެލެވޭތީ އެ ބޭފުޅުންގެ ފޯނު ދޭން އެންގުމުން ފޯނު ދީފައި ނުވާތީ އެވެ.

މިއީ މިމައްސަލައިގައި ބާއްވާ ދެވަނަ އަޑުއެހުމެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ތިން ބޭފުޅުން ވެސް ވަނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށް އެދިފައެވެ. އެހެންކަމުން މިއަދު ބާއްވާ އަޑުއެހުމަކީ ވަކީލަކު އައްޔަން ކުރުމަށް ފަހު ބާއްވާ ފުރަތަމަ އަޑުއެހުމެވެ.

އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި އިތުރު ދައުވާތަކެއް ވެސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ދައުލަތުން ކުރެ އެވެ.