މި މަހުގެ ތެރޭގައި ރާއްޖޭގެ ސްކޫލުތަކުގެ ޓީޗަރުންނަށް ޓެބްލެޓް ދޫކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް މި މަހުގެ ތެރޭގައި ޓެބްލެޓް ދޫކުރަން ފަށާނެ ކަމަށާއި ރާއްޖޭގެ ސުކޫލުތަކުގައި ވައިފައި ކުރުމުގެ މަސައްކަތް ދިރާގުން މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް އަންނަ މަހުގެ ހަތެއްގެ ކުރިން ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ޓީޗަރުންނަށް ޓެބްލެޓް ދިނުމަށް ފަހު އެ ބޭނުން ކުރާނެ ގޮތާއި ކިޔަވައިދޭނެ ގޮތްތަކަށް އަހުލުވެރި ކުރުވާނެ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

"މި މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ޓީޗަރުންނަށް ޓެބްލެޓް ދޫކުރަން ފަށާނެ. އަދި ޓެބްލެޓް ދިނުމަށް ފަހު އެ ޓެބްލެޓްގެ ބޭނުން ހިފާނެ ގޮތް ޓީޗަރުންނަށް ދަސްކޮށްދެވިގެންދާނެ" ޝަފީއު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއް މި އަހަރު ޑިޖިޓަލައިޒް ކުރުމަށް 154 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ކަނޑައަޅާފައިވާއިރު، ސްކޫލުތަކަށް ބޭނުންވާ 70،000 އަށް ވުރެ ގިނަ ޓެބްލެޓް މިހާރު ވަނީ ހޯދައިފަ އެވެ.

ސްކޫލުތަކުގައި އަންނަ މަހު ޓެބްލެޓް ބޭނުން ކުރަން ފަށާނެއެވެ، ނަމަވެސް ރަސްމީކޮށް ޓެބްލެޓް ބޭނުންކުރެވެން ފަށާނީ ދެ ވަނަ ޓާމުން ފެށިގެން ކަމަށްވެސް އެޑިޔުކޭޝަން އިން ބުނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީއިން ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭން ނިންމާފައި ވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝުޖާއު

    ތިޔަ ޓެބެއް ދެވުނީމަ އެވީ ދޯ. ޓީޗަރުން ތިޔަ ބުނާ ގޫގްލް ޓްރެއިނިންގްއެއް ހެދީ ކޮން ހާލެއްގަ؟ ދެދުވަހުން 13 ޔުނިޓު ނިންމަން އެނގީ. ނުނިންމައިފިއްޔާ ބްރޭކް ނުދޭނަމޭ ކިޔައިގެން. ދެން ނުވިތާކަށް ތި ފަރުކޮޔަކާ ހުރެ ކުލާސް ކަޓުވަަފަ ގޮސް މޫދުގަ. ކުދިން ގެ ނަތީޖާ ރަނގަޅު ކުރަން ކުރާ ހަމަ އެއްކަމެއްވެސް ނެތް.

    އެވަރު ނުވެގެން ބޮޑޭވާން ފާޑެއްގެ އެސް.ޕީ.ޓީ.ސީ އެކޯ. މި އެއްޗެއްގަ ވާ އެއް ނުވާ އެއް ބެ؛ލެނެވެރިޔަކަށް، ކުއްޖަކަށް ކުޑަމިނުން ޓީޗަރަކަށް ވެސް އެނގެނީއެއް ނޫން... އެހެންވީމަ އެޑިޔުކޭޝަން މިނިސްޓަރަަށް ވަރަށް ސަލާން މިކަހަލަ މޮޔަ ކަންތައް ކުރަން ތި ހޭދަކުރާ ވަގުތަށް