ފިލިޕީންސްގައި ދިރިއުޅެމުން އަންނަ ދިވެހިން ފޮރިން މިނިސްޓްރީގައި ރަޖިސްޓަރ ވާން ސަރުކާރުން އަންގައިފިއެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާއި ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، ފިލިޕީންސްގެ މެނިއްލާގައި މެޑިސިން ކިޔަވަން ގޮސް ދިވެހިން އެބަ ތިބި ކަމަށެވެ. އަދު ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގައި ފިލިޕީންސްގައި އުޅޭ ދިވެހިން ރަޖިސްޓަރ ވާން އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ މަސް ދުވަސް ކުރިން ފިލިޕީންސްއިން ވަނީ ކޮވިޑް-19 ފެނިފައެވެ. އެގޮތުން ރެއާއި ހަމައަށް އެ ގައުމުން ކޮވިޑް-19ގެ 64 ކޭސް ވަނީ ފެނިފައެވެ. އަދި ދިވެހިން ކިޔަވަން ގޮސް އުޅޭ މެނިއްލާ އިންވެސް ވަނީ ކޮވިޑް-19 ފެނިފައެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން ފަސް މީހަކު ވަނީ މަރުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ނުވަ ކޭސް ވަނީ ފެނިފައެވެ. މީގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އޭނާގެ ހާލު ދެރަ ކަމަށް ސަރުކާރުން ބުނެއެވެ.