ކުރިއަށް އޮތް ތިންމަހަށް ވާވަރަށް އަވައްޓެރި އިންޑިއާ އިން ރާއްޖެއަށް ބޭސް ސަޕްލައިކޮށްދިނުމަށް ނިންމައިފިއެވެ.

މިއަދު ފޮރިން މިނިސްޓްރީ ގައި މިބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް 53 ވައްތަރެއްގެ ބޭސް ސަޕްލައިކޮށްދިނުމަށް އިންޑިއާ އިން ނިންމާފައިވާކަމަށެވެ. މީގެ ތެރޭގައި ތަފާތު ބޭހާއި އިންޖެކްޝަން ފަދަ ތަކެތިވެސް އިންޑިއާ އިން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓާރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދު ވަނީ އިންޑިއާ ސަރުކާރުން އިއްޔެ ރާއްޖެއަށް މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ފަރުވާދިނުމަށް ހާއްސަ ޑޮކްޓަރުންގެ ޓީމެއް ފޮނުވައިފައިވާ ކަން ފާހަގަ ކުރައްވާ އެކަމަށް އިންޑިއާ ސަރުކާރަށާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. މިނިސްޓަރ ވިދާޅުވީ މިހާރުވެސް އެޓީމުން ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

"އިންޑިއާ އިން ދެއްވަމުން އަންނަ އެއްބާރުލުމާއި އެކު އަޅުގަނޑުމެން މި ބަލިން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން އިތުރުވޭ." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ބައްޔަކީ އެއްވެސް ގައުމަކުން އެކަނި އަރައިގަނެވޭނެ ބައްޔެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، މިކަމަށް ބޭނުންވަނީ ކައިރި ގައުމުތަކުގެ އެއްބާރުލުމާއި އެހީތެރިކަން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ މާދަމާ ސާކްގެ ގައުމުތަކުން ބޭއްވުމަށް ނިންމާފައިވާ، ވީޑިއޯ ކޮންފަރެންސްގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނިންމަވާފައިވާކަމަށާއި، އެ ކޮންފަރެންސްގައި މި ވައިރަހުން ސަލާމަތްވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި، މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ހައިކޮމިޝަނަރ ސަންޖޭ ސުދީރު ވަނީ އިންޑިއާ އަކީ ރާއްޖެއަށް ދިމާވާ ކޮންމެ ހާލަތެއްގައިވެސް އެންމެ ކައިރިން މަސައްކަތް ކުރާނެ ގައުމު ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މީގެ ކުރިންވެސް އެކި ގޮތްގޮތުން މިފަދަ ކަންކަމުގައި ވާނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައި ކަން ސުދީރު ވަނީ ފާހަގަކުރައްވާފައެވެ.

2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް އައުމަށްފަހު އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުންތައް ހީނަރުވެފައި ވަނިކޮށް 2018 ވަނަ އަހަރު މި ސަރުކާރުން ވެރިކަމަށް އައިސް އެންމެ އިސްކަމެއް ދީގެން ކޮށްފައިވާ އެއްކަމަކީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އެރު ހީނަރުވެފައި އޮތް ގުޅުން އަލުން ވަރުގަދަ ކުރުމުގެ މަސައްކަތް ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނައީމް

    ހެޔޮނުވާނެ ދޮގުނުހަދާބަލަ މިހާރުވެސް ހުމާއި އަރިދަފުހުގެ ބޭސް ހުސްވެފާ މާސްކު އަތްދޮންނަ ފުޅި ހުސްވެފާ ދެން ކީކޭ ތިކިޔަނީ

    9
    1
    • މާލް

      އެ އީ ކޮން ކުންފުންޏަކުން އެތެރެކުރާ ބޭސްތޯ ބަލާބަލަ. ބޭސްތަ ނޫނީ އަންގިތަ.

  2. ބަކުރު

    ޢިންޑިއާގެ ބޭސް މިވަގުތަށް ބޭނުންކުރުން ރަނގަޅެއް ނޫން ސަބަބަކީ އިންޑިއާގެ ބޭސްތަށް މިވަގުތަށް ތައްޔާރުކޮށްފަ ހުންނާނީ ދިވެހިންނަށްދީގެން އަޖުމަބެލުން އެއީ މުސްލިމުންނަށް ހެޔޮއެދޭ ބައެއްނޫން.

    22
    2
    • ހިންދު

      ކިތަންމެ ހަސަދަވެރި ވިޔަސް ހަމަ އެބޭސްތައް ބޭނުން ކުރަންޖެހޭނީ.

  3. މަސީހު

    ކްރެޑިޓްފެސިލިޓީގެގޮތުގަ ދިންފައިސާއިން ބޭހުގެއަގުވެސް ކަންޑާނެ.

  4. ގައުމު

    ޢިންޑިޔާގެ ފޭކް ބޭސް، މި ގައުމު އަތުނުޖެހިގެން އުޅޭބައެއް

  5. ސަޓޯ

    އާން.. މިރާއްޖޭޖޭގަ 3 ހަފްތާއަށް ވާވަރަށްވެސް ބޭހެއްނުހުއްނާނެ ވިއްޔަ... ތިދިން އެއްޗެއް ދެން ހުންނާނީ ބާކީ އޮތް 3 އަހަރަށްވެސް

    2
    1
  6. އެކްޓަރ

    މިއަބުދުﷲ ޝާހިދުގެ ވިސްނުމުގައި އަބަދުވެސް ދިވެހިން އުޅެންޖެހޭނީ ޤައުމުތަކަށް ސަލާން ޖަހައިގެން. ބަލަ ބޭސް ގަންނަ ފައިސާ ހުންނާނެ، ބުރުނާއީ ދަތުރަށް ތިބާ 470000 ހަތަރު ލައްކަ ހަތްދިހަހާސް ރުފިޔާ ޚަރަދު ކޮށްލީ ދިވެހިން ފުދުން ތެރިވީމަ... އިންޑިއާގައި 600 މިލިއަން ފާޚާނަ އަޅަންޖެހޭ، 400 މިލިއަން މީހުން ކަރަންޓް ދުވަހަކު ލޮލުން ނުދެކޭ .... މިފަދަ ޤައުމު ތަކުން ބޭހޭކިޔާ އެންމެ އާދައިގެ ދެރަ ބޭސްކޮޅެއް ހޯދަން ސަލާnްޖަހަނީ ... ގޭގަ ހުރެބަލަ..ތިއީ ދިވެހިން ބަލައިގަންނަ މީހެއްނޫން....

  7. ދަރިފުޅާ

    ހަމަ ހިލޭތަ؟

  8. އަލީ

    އަހަރުމެންގެ ދީނާ މިނިވަންކަން ގެއްލިގެން ދާފަދަ އެހީތެރިކަމެއް އިންޑީއާ އަދި އެކި އެކި ގައުމުތަކުން ނުހޯދަން ގޮވާލަން އަހުރުމެންގެ ދީނާ މިނިވަން ކަން ގެއްލި ދިއުމައްވުރެން އުފެދުނު ގޮތައް ނިމިދިއުންވެސް މާރަނގަޅު ﷲއަކުބަރު ﷲއަކުބަރު ﷲއަކުބަރު .

  9. Anonymous

    ބޭހާއެކު ދާއިމީގޮތެއްގައި މިޤައމުގައި ވަކިހިއްޕައިގެން ތިބޭނެ ސިފައިން މިޤައުމަށް އެތެރެކުރި ވާހަކަވެސް ލިޔެލިނަމަ ރަނގަޅުވީހެވެ.

  10. މާހިރު

    ތޭންކްސް

  11. ދިވެއްސެއް

    އިންޑިއާގެ ބޭސް ތައް ޓެސްޓުކުރަންދޯ އެއުޅެނީ