2014 އޮގަސްޓް 8 ވަނަ ދުވަހުގެ ރޭ ރިލްވާން ދިރިއުޅުނު ގެ ކައިރިން ފިރިހެނަކު ހަޅޭއްލަވާ އަޑު އިވުނުކަމަށް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑު އެހުމުގައި ސިއްރު ހެކިވެރިޔަކު ބުނެފައިއެވެ.

މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހުން ކަމަށްވާ ހ.ހިލްޓަން، އަޙްމަދު އާލިފް ރައޫފާއި، ގދ.ވާދޫ ކަރަންކާގޭ، މުޙައްމަދު ނޫރައްދީންގެ އިތުރުން ސ.ހުޅުދޫ އަތިރިއާގޭ، މުޙައްމަދު ސުޢައިދުއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރިޔާ މިއަދު ހެކިބަސް ދެމުން ބުނީ، އެރޭ އޭނާ ހުރީ ގޭގައި ކަމަށާއި، ގެ ހުންނަނީ ރިލްވާން ހުޅުމާލޭގައި ދިރިއުޅޭ ގެޔާ ވަރަށް ކައިރީގައި ކަމަށެވެ. އަދި ރިލްވާން ދިރިއުޅުނު ގެ ކައިރިން ރިލްވާން ގެއްލުނު ރޭ ދަންވަރު 2 ޖަހާކަންހާއިރު "އޭސް" އޭ ކިޔާފައި ފިރިހެނަކު ހަޅޭއްލަވާ އަޑު އިވުނުކަމަށެވެ.

ސިއްރު ހެކިވެރިޔާ ބުނީ، ހަޅޭއްލަވާ އަޑު އިވުނު ނަމަވެސް މާ ގިނަ އިރު އެ އަޑު ނީވޭ ކަމަށާއި، ރިލްވާން ގެއްލިގެން އުޅޭކަން ހެކިވެރިޔާއަށް އެނގުނީ އޭގެ ދެ ދުވަސް ފަހުން ކަމަށެވެ.

ދައުލަތުގެ ސުވާލުތަކަށް ސިއްރު ހެކިވެރިޔާ ޖަވާބުދީ ނިމުމުން ދިފާއީ ވަކީލު ވިދާޅުވީ ހެކިވެރިޔާ އާއި ކުރާނެ ސުވާލެއް ނެތް ކަމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ވަނީ ހެކިވެރިޔާގެ ފަރާތުން އިތުރު ކަންކަން ސާފު ކޮށްފައެވެ. ފިރިހެނަކު ހަޅޭއް ލަވާ އަޑު އިވުނު ދިމާއަށް ސަމާލުކަން ދެއްވިންތޯ ގާޒީ އެއްސެވުމުން ހެކިވެރިޔާ ބުނީ "މާރާމާރީ" އެއް ކަމަށް ހީކޮށް އެދިމާލަށް ސަމާލުކަން ނުދޭ ކަމަށެވެ. އަދި ގާޒީގެ ސުވާލަކަށް ޖަވާބު ދެއްވަމުން ހެކިވެރިޔާ ބުނީ ފަހުންވެސް އެދިމާލަށް ސަމާލުކަން ދީފައި ނުވާނެކަމަށެވެ.

ކްރިމިނަލް ކޯޓުގެ އެހެން މާލަމަކަށް ސިއްރު ހެކިވެރިޔާ ހާޒިރުކޮށް ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ސިއްރުން ހެކިބަސް ނެގުނު މިއަދުގެ އަޑު އެހުމުގައި މި މައްސަލައިގައި ދައުވާ ލިބޭ އާލިފް އާއި ނޫރައްދީން ދެއްކުމަށްފަހު އެ ދެމީހުން ރިލްވާން ގެއްލުނުރޭ އެ އަޑު އިވުމުގެ ކުރިން އަދި ފަހުންވެސް އެ ސަރަހައްދުން ދުށިންތޯ ހެކިވެރިޔާއާ ގާޒީ ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ "ނުދެކޭ" ކަމަށެވެ.

މިއަދުގެ އަޑު އެހުމުގައި ދިފާއީ ވަކީލް ނޫރުއްސަލާމް ވަނީ އިތުރު ކަމެއް ފާހަގަ ކޮށްފައެވެ. ނޫރުއްސަލާމް ވިދާޅުވީ މި މައްސަލައިގައި އާލިފްގެ މައްޗަށް ދައުވާ ކުރަނީ އާލިފް ކާރު ދުއްވިކަމަށް ބުނެ ނޫންް ކަމަށާއި، އެ ކާރު އެހެން މީހެއްގެ ބެލުމުގެ ދަށުގައި އޮއްވާ އެ ކާރުން ފެންނަ އިސްތައްޓެއްގެ މައްސަލައިގައި އާލިފްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. މިގޮތަށް ދައުވާ ކުރުމަކީ ކުއްޔަށް ދީފައި ހުންނަ ގެއަކުން މަސްތުވާތަކެތި ފެނުމުން އެ ގޭގެ ވެރިފަރާތުގެ މައްޗަށް ދައުވާ ކުރުންފަދަ ކަމެއްކަމަށްވެސް ދިފާއީ ވަކީލު ވިދާޅުވިއެވެ. މި ވާހަކަތަކަށް ރައްދު ދީ ދައުލަތުގެ ވަކީލާ ވިދާޅުވީ، ނޫރުއްސަލާމް އެ ދެއްކި މިސާލު މި މައްސަލައިގައި ތަދުބީރު ނުކުރެވޭނެކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުން ކައިރި ކައިރީގައި ތާވަލުކޮށް ކުރިއަށް ގެންދާއިރު މި ހަފްތާގެ ބުދަ ދުވަހުވެސް ހެކިބަސް ނެގުމުގެ އަޑުއެހުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އަޑު އެހުމުގައި އޮންނާނީ ބާކީ ހުރި އެއް ސިއްރު ހެކިވެރިޔަކާއި ސިއްރު ނޫން ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ. އެ ދެ ހެކިވެރިންގެ ހެކިބަސް ނަގާ ނިމުމުން ދައުލަތުން ހުށަހެޅި މައިގަނޑު ހެކިންގެ ހެކިބަސް ނަގާ ނިމޭނެއެވެ. ނަމަވެސް ދައުލަތުން ހުށަހަޅާފައިވާ އިތުރު ހެކިވެރިއެއްގެ ހެކިބަސް ނެގުމާމެދު ޝަރީއަތުން ގޮތެއް ނިންމާނީ އެ ދެ ހެކިވެރިންގެ ހެކިބަސް ނަގާ ނިމުމުންނެވެ.

ދައުލަތުން ހުށަހެޅި ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގާ ނިމުމުން ދައުވާ ލިބޭ ފަރާތްތަކުގެ ދިފާއީ ހުށަހަޅާފައިވާ ފަސް ހެކިވެރިންގެ ހެކިބަސް ނެގުން އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންކަލޯ

    މި ސަރުކާރުގައެއް ތިކަމެއް ސާބިތެއް ނުކުރެވޭނެ. ޢެހެންވެ އަވަސް އަރުވާލާފަ މިހާރު އަވަހަށް ފަޓާސް ބަރިއެއްހެން ނިންމަންހިފާފަ އެ ހުރީ. .....!؟!

  2. އ

    މާތްﷲ ޙަޒުރަތައް ގިނައިން ދަމް ނަމާދު ކޮށް ރޮއި ދުޢާ ކުރީމަ އިންޝާﷲ ފެންނާނެ އަދި ތިކަން ވީގޮތް ހާމަ ވާނެ