ރާއްޖޭގެ ގިނަ ކުދިންތަކެއް ކިޔަވަމުން އަންނަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ބަންދު ކޮށްފިއެވެ.

އެމްއެންޔޫ ބަންދު ކޮށްފައި މިވަނީ މިއަދު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ މިއަދު ނެރުއްވި އެންގުމެއްގައި ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތައް ބަންދު ކުރުމަށް އެދިފައި ވަނިކޮށެވެ.

އެމްއެންޔޫ އިން ބުނެފައިވަނީ އެ ޔުނިވާސިޓީގެ ކްލާސްތައް ބަންދު ކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ. އެހެން ނަމަވެސް ވީހާވެސް އަވަހަށް ކްލާސްތައް ނަގައިދެވޭނެ ގޮތެއް ހެދުމަށް މުވައްޒަފުން މަސައްކަތް ކުރަމުން އަންނާނެ ކަމަށް އެމްއެންޔޫ އިން ވަނީ ބުނެފައެވެ. ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ މީގެ ކުރިން އެމްއެންޔޫ އިން ވަނީ ދަސްވެނިމުމުގެ ޖަލްސާވެސް ފަސްކޮށްފައެވެ. އަދި އެ ޖަލްސާ ފަހުގެ ތާރީހެއްގައި ބާއްވާނެ ކަން އެމްއެންޔޫ އިން ވަނީ އިއުލާނު ކޮށްފައެވެ.

ރާއްޖޭއިން މި ބަލި ފެނުނުތާ ހަފްތާއަކާއި ކައިރި ކުރާއިރު މިހާތަނަށް ވަނީ 10 މީހަކު މި ބައްޔަށް ފައްސި ވެފައެވެ. ޔުނިވާސިޓީތަކާއި ކޮލެޖުތައް ބަންދު ކުރުމަށް އަންގާފައި ވަނީ ދެ ހަފްތާގެ މުއްދަތަކަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އޭގެތެރޭގައި ސްކޫލްތައް ބަންދު ކުރުމާއި މީހުން ޕާކްތައް ބަންދު ކުރުމާއި ރިސޯޓެއްގައި ހުރި އެއްވެސް މީހަކު އެހެން ރަށަކަށް ދަތުރު ނުކުރުމާއި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ހޮޓާތަކާއި ގެސްޓްހައުސްތަކަށް އެއްވެސް ފަތުރުވެރިޔަކު ގެނައުން މަނާ ކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތެދުބަސް

    ސްކޫލް ތަށް ބަންދު ކުރުމަކީ ޓީޗަރުން ސްކޫލަށް ދިއުންތޯ؟ ކޮލެޖް ބަންދު ކުރުމަކީ ވަކިބަޔަކު ކޮލަޖަށް ކިޔަވަން ދިއުންތޯ. މިހާރުވެސ ބަރާބަރަށް އެކްސްޓްރާ ބައެއް ސްކޫލް ތަކުގައި އެބަ ނަގައިދޭ.ކޮލެޖަށް ކިޔަވަންވެސް ހަމަ މިމޭރުމުން އެބަދޭ.އަހުމަދިއްޔާގެ 11،12 އަށް އާދިއްތަ ދުވަހުން ފެށިގެން ކްލާސްތަށް އޮންނަވާހަކަ އެމީހުންގެ ވައިބާރ ގުރޫޕް ގައި އަންގާފަ އެބައޮތް.ސަރުކާރުން ނުވަތަ އެޗްޕީއޭ އިން އިއުލާން ކުރިޔަސް އެޑިޔުކޭޝަނުން މިކަންތަށް ހިންގާތީދޯ މިހެން ވާން މިޖެހެނީ.ސަރުކާރުން ހަރުދަނާ ފިޔަވަޅެއް އެޅިކަމުގައި ވިޔަސް އެއަށް އަމަލު ނުކުރަންޏާ މުޖުތަމަޢުގަ ހަމަ ނުރަށްކާވާނީ.