ރިސޯޓްތަކުން މީހުން ފޭބުން 14 ދުވަހަށް ބަންދުކޮށްފައި އޮތް ނަމަވެސް މަސައްކަތް ކުރާ މުވައްޒަފުންނަށް ރިސޯޓްތަކަށް ދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިހެން ވިދާޅުވީ ރިސޯޓުތަކުން ރާއްޖޭގެ މީހުންދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިޒޯޓުތަކަށް މީހުން ދަތުރުކުރުން މިއަދުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އެންގުމަށް ފަހު އެކަން ތަފްސީލް ކޮށްދިނުމަށް މިރޭ ކުރި އިއުލާނެއްގައެވެ.

އިއުލާނުގައި ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރުމަށް ރިސޯޓަށް ދެވިދާނެކަމަށާއި، ނަމަވެސް އެހެން ދެ މުވައްޒަފުންވެސް ހިމެނޭގޮތަށް އެއްވެސް މުވައްޒަފަކަށް މި މުއްދަތުގެ ތެރޭގައި ރިސޯޓުން ފޭބުމުގެ ހުއްދައެއް ނެތްކަމަށެވެ.

ނަމަވެސް ފަތުރުވެރިން ފުރަން އެއާޕޯޓްއަށް ގެންދަންޖެހޭ ހާލަތުގައި އެކަމަށް ދާ މުވައްޒަފުން ފަތުރުވެރިން ފުރުވާލުމަށްފަހު، އަނބުރާ ރިސޯޓަށް އަންނަގޮތަށް، މި މުވައްޒަފުން ރިސޯޓުން ފޭބުމުގެ ހުއްދަ އޮތްކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މީގެ އިތުރުން ރިސޯޓުތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރައްވާ ފަރާތްތަކުން ރިސޯޓަށް މުދާ ފޯރުކޮށްދިނުމަށް ޖެޓީއާ ހިސާބަށް ދެވިދާނެކަމަށާއި، ނަމަވެސް މި ފަރާތްތައްވެސް ރިސޯޓަށް އެތެރެވެފައިވާނަމަ، އެ ފަރާތްތައްވެސް މި މުއްދަތުގެ ތެރޭގައި ރިސޯޓުން ފޭބުމުގެ ހުއްދައެއް ނެތްކަމަށް އެޗްޕީއޭގެ އިއުލާނުގައި ވެއެވެ.

ހަމަ މިއާއެކު އެއް ރިސޯޓުން އަނެއް ރިސޯޓަށް އެއްވެސް މުވައްޒަފަކަށް އަދި އެއްވެސް ފަތުރުވެރިއަކަށް މި މުއްދަތުގެ ތެރޭގައި ނުދެވޭނެކަމަށްވެސް އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 ހުރި 10 މީހަކު ރާއްޖެއިން ފެނި، މުޅި ރާއްޖެ އިން މިހާތަނަށް ވަނީ ފެނިފައެވެ. ރާއްޖެ އިން މިހާރު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. އަދި ޔުނިވަސިޓީތަކާއި ކޮލެޖްތައް ބަންދުކޮށް، އިތުރު ގިނަ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    މިކަން ތަންކޮ ޅެއް ހަރުދަނާ ގޮތަކަށް ގެންދެވުމަށް އިލްތިމާސް ކުރަން، ފަހަރަކު ގޮތަކަށް ބަޔާންނެރުނީމަ ކަމަކުނުދޭ،

    37
  2. Anonymous

    އަ ޅުގަނޑުގެ ދުޢާ އަކީ މިނުރައްކާތެރި ވައިރަސްއިން މިގައުމުގެ ހުރިހާ ލޮބުވެތި ރައްޔިތުން މާތްﷲގެ އިރާދަފު ޅާއި މިންވަރުފު ޅުން ސަލާމަތްވުން.

    58
    1
  3. ފާތުން

    ފަތުރުވެރިން ރާއްޖެ އެތެރެވުން މަނާ ކުރެވިގެން ނޫނީ ބަލި ފެތުރުންް ކޮންޓްރޯލެެއްް ނުކުރެވޭނެ.

    19
  4. މުހައްމަދު

    މިހާލަތުގަވެސް ފަތުރުވެރިން ގެންނާތީވެ ވަރަށް ހިތާމަ ކުރަން. މިކަމަކީ ވަރަށް ސީރިއަސް ކަމެއް. އަޅުގަނޑުމެން ރިސޯޓްތަކުގައި ބަންދުކުރިޔަސް އެއްވެސް މައްސަލައެއް ނެއް. އެކަމަކު ބަލި ފެތުރެނީ ގެސްޓުން ގެންނާތީ. މިކަން ނުހުއްޓެންޔާ ކޮވިޑް 19 ވެސް ނުހުއްޓުވޭނެ.

    20
  5. ޏަމް

    އަލީވަހީދޫ މިގޮތަށް ބަޔާންތަށް ދިނީމަކަމަކުނުދޭ ރާއްޖޭގައި މިވަގުތު އޮތް ނަން މަޝްހޫ ރު ފޯސީޒަންގެ ގިނަ މުއަށްޒަފުން މަސައްކަތް ނިންމާފަ ދާންޖެހެނީ ކައި ރީގަ އޮންނަ ކ ހު ރަޔަށް ހު ރިހާ ސުޓާފުންގެ އެކޮމޮޑޭސަން ހަމަޖެހިފައިވަނީ މި ރަށުގަ ކޮބާތޯ ކަލޭމެންގެ އިންސާފު ޓެންޓުތަކުގައި ނިދަންވީތޯ.

    14
  6. ރައްޔަތުން

    ‏ރިސޯޓް ސްޓާފުން 14 ދުވަސް ރިސޯޓް ގަ ކަރަން ޓީން ވާން ބުނާއިރު. ހުރިހާ ރިސޯޓެއް ގަ ބަލި ވިޔަސް ދައް ކާނެ ޑޮކްޓަރެއް ނުހުރޭ. ދާންޖެހެނީ ކައިރި ރައް ރަށް. މިހާލު މިތާ މަރުވަން ވިތާ؟ ‎@MoHmv ‎@ali20waheed ‎@MohamedNasheed ‎@cnm_mv ‎@sunbrk ‎@MvCrisis ‎@Mihaarunews

  7. ވާނުވާ

    ރިސޯޓް މުއައްޒަފުން ޗުއްޓީގަ ހުރެފަވެސް އެބަޖެހެ މި ވައިރަސް ތެރެއައް ވަންނަން ދާން.
    ގޮއްސަ 14 ދުވަސް ކަރަންޓީނައް.
    ކިހާ ދެރަ ކަމެއް.
    ޢެމީހުން މި ވަޤުތު ގޭގަ ތިއްބާ އެގޮތައް ދާން މަޖްބޫރް ކުރުން ހެޔޮވާނެތޯ.
    ރިސޯޓްތައް ބަން ދު ކުރަނީ މިގޮތައްތޯ.؟
    ކަމެއް ކުރަން ނޭނގެންޏާ ނުކޮއްބަލަ އަޅެފަހެ.

  8. ހޮޅި

    މި ސަރުކާރު ބޭނުންވަނީ ޑޮލަރު ބޭނުމުގަ ރިސޯޓްގަ ތިބ
    ދިވެހިން ކޮޅު ނުރައްކަލުގެ ތެރެއައް ދޫކޮހލުން .
    ހާ ދަ ރަހުމެހް ނެއް ސަރުކާރެކޭ .

  9. އަލީ

    ކޮބާތޯ ރިސޯޓް ތަކުގަ ތިބިމީހުން ގެ ރައްކާތެރި ކަމަކީ ރަށުގަ ސަލާމަތުން ހުރިމީހާވެސް ބަލި ފެތުރިފައިވާ ރިސޯޓް ގެންދަން ތޯ ބާރުއަޅަނީ ބަލަގަ ބޭރުގެ އެކިއެކި ގަމުން ( ވައިރެހުގެ އަސަރު ހުރި ގައުމުތަކުން ) އަންނަ މީހުން ނުގެނަސް މިރައްޔަތުންގެ ސަލާމަތައް ވިސްނާބަލަ ކީއްވެ ރެސޯޓް މުއައްޒަފުން މިބަލި މަޑުކަމުން ސަލާމައް ވުމުގެ ފުރުސަތު ހޯދާނުދީގެން ތިޔައުޅެނީ ހަމަ ހައިރާންވޭ އެބަ ސުވާލަކީ ރިސޯޓު ތަކުގައި އުޅެނީ އިންސާނުންތޯ؟ ނޫނީ ކޯޗެއް؟

  10. ޯމާހިރު

    2މަހަށް ރިސޯޓްތައް ބަންދުކޮށް ރަށްސާފުކޮށް ބެލެހެއްޓޭވަރަށް މީހުންބައިތިއްބަންވީ މުސާރަ ނުދެވޭ ކުންފުނިތަކަށް ލޯން ހޯދަދޭންވީ ނޫނީ ޓުއަރިޒަމް ސެކްޓާއަށް މުވައްޒަފުންނަށް އިންޓަރެސްޓް ފުރީ ލޯނުދޭންވީ އޭރުން %75 ގައުމުގެ ހާލަތު ރަނގަޅު ނުވާނެބާ ވަރަށް ރަނގަޅަށް މެނޭޖް ކުރައްޗޭ ނުނީ ގައުމު ފުޑިދާނެ