މިހާރު ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 މިހާތަނަށް އައިއިރު މުޅި ދުނިޔެއިން ޖުމްލަ 155,817 މީހަކަށް ޖެހިއްޖެއެވެ.

ރިޕޯޓުތަކުން ދައްކާގޮތުގައި މިހާތަނަށް 155,817 މީހަކު ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 80,824 މީހުންނަކީ ޗައިނާއިން ކޮވިޑް-19 އަށް ފައްސިވި މީހުންނެވެ. އެގައުމުން ވަނީ މި ބަލީގައި މިހާތަނަށް 3،189 މީހުން މަރުވެފައެވެ.

ޗައިނާއަށްފަހު ދެވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ އިޓަލީންނެވެ. އެގައުމުން ޖުމްލަ 21,157 މީހަކު މިހާތަނަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1,441 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. ކޮވިޑް-19 ޖެހިގެން އިޓަލީގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް ވަނީ 175 މީހަކު މަރުވެފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ވަނީ 3,497 މީހަކު ކޮވިޑް-19 އަށް ފައްސިވެފެވެ.

ޗައިނާ އަދި އިޓަލީއަށްފަހު، ތިންވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިފައިވާ ގައުމަކީ އީރާނެވެ. އެގައުމުން މިހާތަނަށް 12,729 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި މިހާތަނަށް އެގައުމުން ވަނީ 611 މީހަކު މަރުވެފައެވެ.

ސްޕެއިންގައިވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އެދަބެއެވެ. އެގޮތުން މިހާތަނަށް އެގައުމުން 6,315 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިދިޔަ 24 ގަޑިއިރު ތެރޭގައިވެސް އެގައުމުން 1,083 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި މިހާތަނަށް އެގައުމުން 193 ވަނީ މި ބަލީގައި މަރުވެފައެވެ.

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 93 އިންސައްތަ މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ. އެގޮތުން 74,279 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މަރުވެފައިވަނީ އެންމެ 5,814 މީހުންނެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެކީ އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ އެކިއެކި ބަލިތައް ހުންނަ މީހުންނެވެ.