ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ވެސް ފެނިފައިވާތީ ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޝަހީދުންގެ ދުވަހުގެ ޖަލްސާ މި އަހަރު ނުބޭއްވުމަށް ހޯމް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ބަޔަކު ބައިވެރިވާ ހަރަކާތްތައް ނުބޭއްވުމަށް ކަމާއިބެހޭ މުއްސަސާތަކުން ބާރުއަޅަމުން ދާ ކަމަށެވެ. އަދި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ މި އަހަރު ނުބާއްވާގޮތައް އެ މިނިސްޓްރީން ނިންމާފައިވާ ހޯމް މިނިސްޓްރީން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

މި ނިންމުން ނިންމި ނަމަވެސް ގިނަ މީހުން އެއްވުން ނުހިމެނޭ ގޮތަށް ޝަހީދުންގެ ދުވަސް ފާހަގަ ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްްރީން މި ގޮތަށް ނިންމީ އެކްޒެކެޓިވް ކޮމިޓީގެ ލަފާގެ މަތިން ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް މިއަހަރު ރާވާފައިވާ ހަރަކާތްތަކަކީ ޓީވީ ޗެނަލްތައް މެދުވެރިކޮށް ދުވަހާ ގުޅޭ ހާއްސަ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިއުމާއި ދުވަހާ ގުޅޭ ހާއްސަ ވީޑިއޯ ރިޕޯޓެއް ދެއްކުމެވެ. މީގެއިތުރުން ދުވަހާ ގުޅޭ މުހިއްމު މައުލޫމާތުތައް ސޯޝަލް މީޑިއާގެ ޒަރީއްޔާއިން ހިއްސާކުރާނެއެވެ.

ޝަހީދުންގެ ދުވަސް ކުރަނީ ހިޖުރައިން 965 ވަނަ އަހަރު ޕޯޗްކީޒުންނާއި ހަނގުރާމަކުރައްވާ ޝަހީދުވެވަޑައިގެންނެވި އަލިރަސްގެފާނުގެ ހަނދާނުގައެވެ.

މި އަހަރުގެ ޝަހީދުންގެ ދުވަސް ދިިމާވަނީ މިމަހުގެ 25 ވަނަ ދުވަހާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ޝަހީދުންގެ ދުވަސްފާހަގަކުރާނީ ނަސްރަށްއެދި ޖިހާދުކުރާމީހުން..ޙާއިނުންގެ ވެރިކަމެއްގަ ޝަހީދުންގެ އަގެވަޒަން ނުކުރާނެ...ހުރަވީބަންޑާރައިންގެ ލަގަ ބޮޑު މުޖުރިމަކަށްއެރުވީ...މިނިވަންކަމާ އިސްތިގުލާލު ބޭރުބަޔަކަށް ވިއްކައިގެން ވެރިކަމަށްއަރާތިބި ބަޔަކު މިނިވަންކަމައްޓަކާ ޝަހީދުވެ ގުރުބާންވި ބޭފުޅުންގެ ޒިކުރާގަ ދައްކާނެ ވާހަކައެއް ނޯންނާނެ..