ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖޭގައި ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން އަންނަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ބާއްވަން ފަހުން ނިންމި، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އިލެކްޝަން ކޮމިޝަންގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިއަދުއެެވެ. މިހާރު ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

މިހާރު އިލެކްޝަން ކޮމިޝަންގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ވޯޓު ލާ ދުވަސް ފަސް ކުރުމަށް ނިންމާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.

ޝަރީފް ވިދާޅުވީ، އެޗްޕީއޭ އިން ރާއްޖޭގެ ހާލަތު އާންމު ހާލަތަށް ރުޖޫއަށްވިކަން ހާމަކުރުމާއި އެކު، ކޮމިޝަނުން ވޯޓުލާދުވަސް ކަނޑައަޅައި އެދުވަހަށްޓަކާ ވާންޖެހޭ އެންމެހާ ތައްޔާރީތަކެއް ވާން ފަށާނެ ކަަމަށެވެ. ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އިންތިހާބު ބޭއްވޭނެ ކަމަށް ލަފާކުރެވެނީ އެޗްޕީއޭ އިން ރާއްޖޭގެ ހާލަތު އާންމު ހާލަތަށް ރުޖޫއަ ވެފައިވާކަން އިއުލާންކުރާތާ 30 ދުވަހުގެ ތެރޭގައި ކަމަށެވެ.

އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަން އިން ނޫސްވެރިން އަށް މައުލޫމާތު ދެއްވަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ޝަރީފް ވިދާޅުވީ މިހާރު ރާއްޖޭގެ ސިއްހީ ހާލަތު ހުރި ގޮތުން އެޗްޕީއޭ އިން އާންމު ރައްޔިތުން އެއްވެ ނޫޅުމަށް އިލްތިމާސްކޮށްފައި ކަމަށާއި، އެހެން ކަމުން އެންމެ ފަހުން ގާނޫނުގައި ވާގޮތުގެ މަތިން އިންތިހާބު ބޭއްވެން އޮތް ދުވަސް ކަމުގައިވާ އޭޕްރީލް 18 ވަނަ ދުވަހު އންތިހާބު ބާއްވާ ކަމުގައިވާ ނަމަވެސް ކުއްލި ނުރެއްކަލުގެ ދުވަސްތަކުގެ ތެރޭގައި އިންތިހާބުގެ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

"އޮފިޝަލުން ތަމްރީން ކުރުމަށާއި، ރީ ރަޖިސްޓްރޭޝަނަށާއި ދީފަ އަދި އިއުލާން ކުރާ ދުވަހުން ފެށިގެން 30 ވަރަކަށް ދުވަހުގެ ތެރޭގައި ވޯޓުލުން ކުރިއަށް ގެންދެވޭނެ" ޝަރީފް ވިދާޅުވިއެވެ.

އެގޮތުން އެންމެ ހާއްސަކަމެއް ކަމަށް ޝަރީފް ފާހަގަ ކުރެއްވީ އިންތިހާބީ މުވައްޒަފުން ތަމްރީން ކުރުމެވެ. އިންތިހާބީ މުވައްޒަފުން ތަމްރީން ކުރާ ކަމުގައިވާނަމަވެސް އެފަރާތްތަކުން އެއްތަނަކަށް އެއްކޮށް ޓްރެއިނިން ސެޝަންތަކެއް ބާއްވަން ޖެހެއެވެ. ޝަރީފް ވިދާޅުވީ އެކަން މިވަގުތު ކުރެވެން ނެތް ކަމަށާއި، އެހެން ކަމުން އެންމެ ބުއްދިވެރި ގޮތަކީ ވޯޓުލާ ދުވަސް ފަސްކުރުން ކަމަށެވެ.

އަދި މިހާރު އޮތް ގޮތުން އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އެފަރާތްތަކުގެ ކެމްޕޭން ހަރަކާތްތައް ބޭއްވުމަށް، އަވަހަށް އިންތިހާބު ބާއްވައިފި ނަމަ ފުރުސަތެއް ނުދެވޭނެ ކަމަށާއި، އެހެން ކަމުން އެފަދައިން ކަންކަން ކޮށްފި ނަމަ މެންބަރުންގެ ހައްގުތައް ގެއްލިގެން ދާކަމަށް އޭނާ ވިދާޅުވިއެވެ.