ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް-19އާ ގުޅިގެން އިލެކްޝަން ކޮމިޝަނުގެ ރަސްމީ ގަޑި 14:00އަށް ނިމޭގޮތަށް ބަދަލުކޮށް، އުމުރުން ދުވަސްވީ މުވައްޒަފުންނާއި، ހައިރިސްކް މުވައްޒަފުންނަށް އެއްމަސް ދުވަހު ޗުއްޓީއެއް ދިނުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް "ވަގުތު"އަށް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އީސީގެ ރަސްމީގަޑީ ހެނދުނު 8:00 އިން 14:00 އަށް ބަދަލުކޮށް، އެ ކޮމިޝަންގައި މަަސައްކަތް ކުރާ އުމުރުން ދުވަސްވީ މީހުންނާއި، ކޮވިޑް-19 އަށް ބަލީގެ ހައިރިސްކް އޮންނަ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފައިވާ މުވައްޒަފުންނަށް 30 ދުވަހުގެ ޗުއްޓީއެއް ދޭ ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ރަސްމީ ގަޑި މިހާރު މިވަނީ ހެނދުނު 08:00 ން މެންދުރު ފަހު 14:00 އަށް ބަދަލުކޮށްފަ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެއް މާދަން ފެށިގެން އަމަލުކުރަމުންގެންދާނީ އެގޮތަށް. އަދި އޭގެއިތުރުން، އަޅުގަނޑުމެން މިހާރު ނިންމާފައިވަނީި ކޮމިޝަނުގައި މަސައްކަތް ކުރާ ބޭފުޅުންގެ ތެރެއިން 55 އަހަރަށް ވުރެ ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަ ޗުއްޓީއެއްގޮތުގައި 30 ދުވަހުގެ ޗުއްޓީއެއް ދޭގޮތަށް" އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، އުމުރުން ދުވަސްވީ މުވައްޒަފުންނާއި، އެ ކޮމިޝަންގެ މަސައްކަތް ކުރާ ހައިރިސްކް ކެޓެގަރީގެ މުވައްޒަފުންނަށް 30 ދުވަހުގެ ޗުއްޓީއެއް ދެނީ މުސާރަ ހިނގާގޮތަށް ކަމަށެވެ.

"ހައިރިސްކް ކެޓެގަރީ އުޅޭތާ، ހަކުރު ބައްޔާއި، ލޭ މައްޗަށް ދިއުމާއި، ކިޑްނީގެ ބަލިތަކުގައި އުޅޭ މީހުންނަށާއި، އެއްކޮށް ހާއްސަ 30 ދުވަަހުގެ ޗުއްޓީއެއް ދޭން، އެ ފަރާތްތަކުން އެކަމުގެ ތަފްސީލީ މައުލޫމާތު ކޮމިޝަނަށް ހުށަހެޅުމުން މުސާރަ ލިބޭގޮތަށް". އަކްރަމް ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ވަނީ އިއުލާނުކޮށްފައެވެ. އަދި ރާއްޖެއިން 13 މީހަކު މި ވައިރަސްއަށް ވަނީ ފައްސި (ޕޮޒިޓިވް) ވެފައެވެ. އެއާއެކު ރާއްޖޭގެ ހުރިހާ ސުކޫލުތަކާއި ކޮލެޖު، ޔުނިވާސިޓީ އަދި އެއްވެ އުޅޭ ސަރަހައްދުތައް، ޕާކު ހިމެނޭގޮތަށް އެޗް.ޕީ.އޭ އިން ވަނީ ބަންދުކުރުމަށް އަންގާފައެވެ.

އަދި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން އޭޕްރިލް 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ.