ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން މާފުށީ ޖަލާއި މާލޭ ޖަލުގައި ރޭ ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ޖަލު އޮފިސަރުންނަށް ތަފާތު އިންޒާރުތައް ލިބެމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ގައިިދީންގެ އާއިލީ ބައްދަލުވުންތައް މެދުކަނޑާލާ ހުރިހާ ޖަލު ޔުނިޓުތަކެއްގެ ފާހާނާތަކާއި ކޮރިޑޯތައް ސާފުކޮށް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމާއި ގުޅިގެން މާފުށީ ޖަލުގައި ސީރިއަސް ކުށްތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ ބައެއް ފަރާތްތައް ޖަލު އޮފިސަރުންގެ ވާޖިބުތަކަށް ހުރަސް އަޅާ ސާފު ކުރުމަށް އެއްބާރުލުން ނުދީ ކުރިމަތިލާން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ. އެކަމުގެ ސަބަބުން ހަތަރު ބަންދު މީހަކާއި ފަސް އޮފިސަރަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.

އެކަމުގެ ސަބަބުން އެފަރާތްތަކަށް [ހަމަނުޖެހުން ހިންގި ބަންދު މީހުންނަށް] ގާނޫނީ ފިޔަވަޅުތައް އަޅާ އެފަރާތްތަކުގެ އާއިލާތަކަށް އެކަން ހިއްސާ ކޮށްފައިވާ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.

މީގެއިތުރުން ކަރެކްޝަނުން ބުނީ ރޭ މާލޭ ޖަލުގައި ހަމަނުޖެހުމެއް ހިންގުމުން ކަރެކްޝަނުން އެކަންތައް ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ. އަދި އެ ހާދިސާގައި ފަސް ބަންދު މީހަކަށާއި ފަސް އޮފިސަރަކަށް އެކިވަރުގެ ކުދި އަނިޔާތައް ލިބިފައިވާ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ. އަދި އަނިޔާ ލިބުނު ބަންދު މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ވެސް ފޯރު ކޮށްދީފައިވާނެ ކަމަށާއި މިވަގުތު ޖަލުތަކުގެ ހާލަތު އާއްމު ހާލަތަކަށް ގެނެވިފައިވާ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.

"މި ހާދިސާއަށް ފަހު މި ސާވިސްގެ އެކި އޮފިސަރުންނަށް ދަނީ ތަފާތު އެކި އިންޒާރުތައް ލިބެމުންނެވެ. އެގޮތުން ރޭގެ ވަގުތެއްގައި މި ސާވިސްގެ އޮފިސަރަކަށް ވަނީ މަރުތޭލަކުން ހަމަލާދީފައެވެ. މީގެއިތުރުން ބައެއް އުޅަނދުތަކުގެ ބިއްލޫރިގަނޑު ތަޅާލާ ބައެއް އިމާރާތްތަކަށް ވެސް ވަނީ ގެއްލުންތައް ދީފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވާނީ ހުށަހަޅާފައެވެ،" ކަރެކްޝަންސް ބަޔާނުގައި ބުންޏެވެ.

ކަރެކްޝަނުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ޖަލުތަކުގެ ހާލަތާއި ގުޅޭ ގޮތުން ދޮގު ވާހަތަކައް ފަތުރަމުން އަންނަ ކަމަށާއި އެކަމާއި ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ބަންދު މީހުންނާއި ގައިދީންނާއި އަދި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި މަސައްކަތަށް ބުރޫ އަރާ ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެއެވެ.

ކަރެކްޝަނުން ބުނީ އެ ސާވިސްއާ ގުޅޭ ގޮތުން ދޮގު ހަބަރުތަކާއި ވާހަކަތައް ފަތުރަމުން ގެންދާތީ އެ ސާވިސްގެ މުވައްޒަފުންނާއި އޮފިސަރުންގެ މެދުގައި އާއްމު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދެމުން އަންނަ ކަމަށެވެ. އަދި އެކަން ކުށްވެރި ކުރާ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ. ކަރެކްޝަނުން ބުނީ ޖަލުތަކުގެ ރައްކާތެރިކަމަށްޓަކައި ގާނޫނުން ލާޒިމް ކޮށްފައިވާ ގޮތުގެ މަތިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެ ސާވިސް އިން އަޅަމުން ގެންދާނެ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ކަރެކްޝަނުން ވަނީ ގައިދީންނަށް އާއިލާއިން ދެމުން ގެންނަ އަންނައުނުތައް ވެސް މެދުކަނޑާލާފައެވެ. އަދި އާއިލީ ބައްދަލުވުންތައް މެދުކަނޑާލުމަށްފަހު ގައިދީންނަށް މިހާރު ދެމުން ގެންދަނީ ފޯނު ކޯލެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޕިރޭ

    ޔާޑު ގަޑިވެސް ނުދޭ. 24 ގަޑިއިރު ގޮޅީގަ. ޢަވިކޮޅެއް ނުލިބެ. ދޮވެފަ ވެސް ގޮޅީގަ. ކާންވެސް ގޮޅިގަ.

    2
    2
    • ސަޓޯ

      ގޮޅީގެ ބަސްއަހައިގެން އޮވެބަލަ

  2. ގަނީ

    ފޭލް ބޮޑު ސޭހު އިސްތީފާ. ސަރުކާރެއްތަ ވަކިން ހިންގާ

  3. ބައްކޮ

    ރައީސް ޔާމީނުގެ ހާލު ބަލާލަ ދީފާނަންތޯ. އަނިޔައެއް ނުދޭތޯ ގާޑުން.

  4. ސާޑިން

    ނޭފަތް މަތި ފަޅާލާ ލޮލަށް ލޭ އަރުވާލަން ޖެހޭ ކަމެއްތާ އެއްބާރުލުން ނުދިނުމަކީ

  5. ކޮއްކޮ

    އަނިޔާ ކޮއްގެން ހައްލުހޯދަން އުޅެނީ. ބައްދަލުވުން ދިނިއްޔާ ކޮބާ މައްސަލައަކީ. ޢޮފިސަރުންވެސް ގެޔަށް ދަނީދޯ