ކޮވިޑް-19 އަށް ރާއްޖެ އިން ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންނާއި ބައްދަލުވި މީހުން ނުވަތަ ކޮންޓެކްޓް ސްކްރީނިން ހެދުނު މީހުންގެ އަދަދު މިއަދުގެ ނިޔަލަށް 292 އަށް އަރާފައިވާ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް 19 އަށް ޕޮޒިިވްވި މީހުންނާއި ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރުވެސް ކެނޑިނޭޅި ކުރިއަށްދާ ކަމަށެވެ.

އިއްޔެގެ ނިޔަލަށް ކޮވިޑް-19 އަށް ރާއްޖެ އިން ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންނާއި ބައްދަލުވި މީހުން ނުވަތަ ކޮންޓެކްޓް ސްކްރީނިން ހެދުނު މީހުންގެ އަދަދު ހުރީ 160 ގައެވެ.

ރާއްޖެއިން އިތުރު ތިން މީހަކި ކޮވިޑް-19 އަށް ފައްސިވިކަން ސަރުކާރުން ވަނީ މިއަދު ހާމަކުރައްވާފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިވަނީ 13 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު ފަސް މީހުންނާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެ މީހުންނާއި ކުރަމަތިން ދެ މީހުންނާއި އަނަންތަރާ ރިސޯޓުނުން ފެނުނު ދެ މީހުންނެވެ.
އެޗްޕީއޭއިން ވަނީ މި ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައެވެ. އަދި ހަމައެކަނި އަމިއްލަ މީހާ އަށް ބަލި ނުޖެހޭ ގޮތަށް އަމަލު ކޮށްގެން ފަރުޖައްސާލެވެން ނެތް ކަމަށާއި، ތިމާގެ ފުށުން އެހެން މީހަކަށް ބަލި ނުފެތުރޭނެ ގޮތަށް އަމަލު ކުރުން ވެސް ވަރަށް މުހިއްމު ކަމެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭ އާއި ކަމާއި ބެހޭ އެހެން ފަރާތްތަކުންދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބާ، ހޯމް އައިސޮލޭޝަންގައި ބައިތިއްބާ ފަރާތްތަކުން ވެސް އެޗްޕީއޭއިން ދޭ އިރުޝާދުތަކަށް ތަބާވުމަކީ ވަރަށް މުހިއްމުކަމެއް ކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޗަންޕާ

    ގެސްޓުން އަންނަ ހާ ދުވަހަކު މިކަމެއް ނުހުއްޓު ވޭނެ.

  2. މޮގުމޮގު

    ކަންތަކާޖެހުނީ 292 ހާދަގިނަ މީހުންނާ ކޮންޓެކްޓްވެފަ!

  3. ިކިޔުންތެރިއެއް

    13 އެއްނޫން އެހެންވީމަ ވަނީ 11.

    • ހޫ

      ކަލޭ މެންނަށް މާ ބޮޑަށް އެނގޭގޮތް ވަނީ ކީއްވެގެން؟