މިހާރު ރާއްޖެއިން ފެނފައިވާ ނުރައްކާތެރި ވައިރަސް ކޮވިޑް-19އާ ގުޅިގެން ވަޒީފާ އޮތަސް ނެތަސް ސިއްހީ މާހިރުން ވަޒީފާ އަށް ނިކުތުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ގޮވާލައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، މި ވައިރަސް ހުއްޓުވުމަށް ކުރެވޭނެ އެންމެ ބޮޑު މަސައްކަތަކީ މި ބަލި ފެތުރުން ލަސްކުރުން ކަަމަށެވެ. އަދި އެކަމަށް ރާއްޖޭގެ ހުރިހާ މުއައްސަސާތަކަކުން ވެސް މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ސިއްހީ ދާއިރާގެ ކަންކަން ކުރުމަށް ހަވާލުވެ ހުރި ފަރާތެއްގެ މަސްއޫލިއްޔަތުން މިހާރު ވަޒީފާގައި ތިއްބެވި މިދާއިރާގެ މީހުންގެ ތެރެއިން ޗުއްޓީގައި ތިއްބަވާ ފަރާތްތަކާއި، ވަޒީފާއިން ވަކިވެފައި ތިބޭ މީހުންވެސް ސިއްހީ މަސައްކަތްތަކަށް އެހީވުމަށް ނިކުތުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑު ސިއްހީ ހިދުމަތުގައި މަސްއޫލުތަކާއި ހަވާލުވެގެން ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ސިއްހީ ދާއިރާގެ ހުރިހާ ބޭފުޅުން، ވަޒީފާގައި ހުރި ބޭފުޅަކަށް ވަޒީފާގައި ނެތް ބޭފުޅަކަށް ނުވަތަ ޗުއްޓީގައި ހުރި ބޭފުޅަކަށް ނުބައްލަވައި މި ހިދުމަތަށް ނިކުމެވަޑައިގަތުމަށް ގޮވާލަން" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުތެ ތެރެއިން ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ހުރިހާ މުއައްސަސާއެއް ގުޅިގެން މިހާރު ކުރަމުން ދާކަމަށެވެ.

އެގޮތުން އައިސޮލޭޝަން ފެސިޓީސްތަކާއި ކަރަންޓީން ފެސިލިޓީތަކުގެ އިތުރުން ފަރުވާދޭ މަރުކަޒުތައް އިތުރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަށް ވަރަށް ފުރިހަމަ އަށް ކުރެވެމުން ދާކަމަށް މިނިސްޓަރ އަމީންގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ އަމީންގެ ވާހަކައިގައި ވަނީ މިވަގުތު އެއްވެސް އެއްވުމެއް ބޭއްވުން ރަނގަޅު ނޫން ކަމަށާއި މިހާރުން ފެށިގެން ތަފާތު ޕާޓީތައް ބޭއްވުުންވެސް ވަގުތީ ގޮތުން މަޑުޖައްސާލުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަންޖެ

    ނިކުންނަން ބޭނުންވާ މީހުން ކިހިނެތްތަ ހަދަންވީ؟؟ ހަމަ އެހެން ގޮވާލިއަކަސް ކަމަކު ނުދާނެ ހަދަންވީ ގޮތެއްވެސް ބުނީމަ މިހާރު އެކިއެކި ސަބަބުތަކާ ހެދި ވަޒީފާއަށް ނުދާ މީހުންނަށްވެސް ވޮލަންޓިއަރ ކުރަން އިނގޭނީ.

  2. ނަފީސާ

    ޞިއްޙީ އެހީތެރިންނެއް ނޫން އެހެން ބަޔަކު މަސައްކަތަށް ނެރުނަސް ރާއްޖޭގެ ޕޯޓުތަކަށް ބޭރު ގައުމުތަކުން މީހުންނަށް ވަދެވޭހާ ހިނދަކު ސަލާމަތެއް ނެތްކަން މިއަދު ހިނގި ހާދިސާއިން ކަށަވަރުވޭ. ދުއާ އަކީ އަހަރެމެން އެންމެން މިކަމުން ސަލާމަތްވުން.