ސަރުކާރުން ރައްޔިތުންނަށް ދޭ އެއްވެސް ހިދުމަތަކަށް ބުރޫނާރާނެހެން، ހިދުމަތްތައް ނުހުއްޓޭ ވަރަށް ބެލުމަށްފަހު ނެރެވެން އޮތް އެންމެ މަދު އަދަދެއްގެ މުވައްޒަފުން ވަޒީފާތަކަށް ނެރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް އަންގައިފިއެވެ.

ރައީސް އޮފީހުން ބުނީ އެގޮތަށް ރައީސް އެންގެވީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އަކީ ފަސޭހައިން ގައިންގަޔަށް އަރާ ރޯގާއަކަށްވެފައި އެ ރޯގާ ރާއްޖޭގައިވެސް ފެތުރެމުންދާތީ، އެ ރޯގާ ފެތުރުން ކުޑަކުރުމަށާއި، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ސަރުކާރުގެ އޮފީސްތަކުގެ ހަރަދު ކުޑަކުރުމަށް ކަމަށެވެ.

އެގޮތުން ރައީސް ސޯލިހު ވަނީ ކޮވިޑް-19 ގެ އަލާމާތެއް ފެނިގެން މަސައްކަތަށް ނުނިކުތުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ލަފާ ދީފިނަމަ އެ މުވައްޒަފު މަސައްކަތަށް ނުނެރުމަށާއި، ބައްދަލުވުންތަކާއި ހަފުލާތަކާއި ތަމްރީނު ޕްރޮގްރާމުތައް ސަރުކާރުގެ އޮފީސްތަކުން ނުރޭވުމަށާއި، ކޮންމެހެން ބާއްވަންޖެހިއްޖެ ބައްދަލުވުމެއްނަމަ ޓެލެކޮންފަރެންސިން ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިންތިޒާމުކުރުމަށާއި، ހިދުމަތެއް ހޯދުމަށް ފިންގާ ޕްރިންޓް ޖަހަންޖެހޭ ގޮތަށް ސަރުކާރުގެ އޮފީހަކުން ހަމަޖައްސާފައިވާނަމަ ފިންގާ ޕްރިންޓް ނެގުމަކާ ނުލައި ހިދުމަތް ދޭގޮތަށް ހަމަޖެއްސުމަށް ސީއެސްސީއަށް އަންގާފައެވެ.

ސަރުކާރުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރެގެން ހިދުމަތް ދެވޭނެގޮތުގެ ޕްލޭނަކާއި، ކޮވިޑް 19 ގެ އަލާމާތްތައް ހުރި މުވައްޒަފަކު އޮފީހުގެ ތެރެއިން ފެނިއްޖެނަމަ، އޮފީހުގެ ތެރޭގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ބަޔާންކުރާ ޕްލޭނެއް މާދަމާގެ ނިޔަލަށް ސަރުކާރުގެ އިދާރާތަކުން ތައްޔާރުކުރުމަށްވެސް ރައީސް ވަނީ އަންގަވާފައެވެ

ސީއެސްސީއަށް ރައީސް އަންގަވާފައި ވަނީ އޮރެންޖް އެލާޓް ލެވެލް އެ ސަރަހައްދެއްގައި އިއުލާނުކޮށްފިނަމަ، ހިތުގެ ބަލިބަޔާއި، ފުއްޕާމޭގެ ބަލިބައްޔާއި، ކެންސަރު ބައްޔާއި، ހަކުރު ބައްޔާއި، ލޭމައްޗަށް ދިޔުންފަދަ ބަލިތައް ހުންނަ މުވައްޒަފުންނާއި، މާބަނޑު މުވައްޒަފުންނާއި، އުމުރުން 55 އަހަރަށްވުރެ ދޮށީ އުމުރުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ 30 ދުވަހުގެ މުއްދަތަށް ތިބުމުގެ ފުރުސަތު އެ މުވައްޒަފުންނަށް ދިނުމަށެވެ.

ރަތް އެލާޓް ލެވެލްގައި ސަރުކާރުގެ އިދާރާތަކުން ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ނޫން މުވައްޒަފުން މަސައްކަތަށް ނުނެރުމަށާއި، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް އެ ގޮތުގެ މަތިން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށާއި، ކޮވިޑް 19 އާ ގުޅިގެން މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކުގައާއި ގޭގައި ތިބެގެން މަސައްކަތް ކުރާ ދުވަސްތަކުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެއްވަމުންގެންދެވުމަށްވެސް ރައީސް ވަނީ ސިވިލް ސާވިސް ކޮމިޝަނަށް އަންގާފައެވެ.

މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކުގައި ރަށުން ބޭރަށް ދިޔުމާއި، އެކި ކަންކަމުގައި ގެއިން ބޭރަށް ދިޔުން ވީހައިވެސް މަދުކުރެއްވުމަށް މުވައްޒަފުންނަށް އެންގެވުމަށްވެސް ވަނީ ސީއެސްސީއަށް ރައީސް ވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަވަ

  ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި ވަކި މުވައްޒަފުންތަކެއް ނެރުމަކީ މުވައްޒަފުންގެ މެދުގައި އޮންނަންވާ ހަމަހަމަކަން ގެއްލިދާނެކަމެއް. ވީމާ، ކޮންމެހެން ނެރެންޖެހޭ މުވައްޒަފުންނަށް އެ މުއްދަތުގައި ރިސްކު އެލަވަންސެއް ދިނުން ވަރަށް މުހިންމުކަމުގައި ދެކެން.

 2. ކުޑަބެ

  އަލްޙަމްދުﷲ، މިހާރުގެ ހާލަތަށް ވިސްނަވާ ތިޔަ ނިންމެވީ ރަގަޅު ނިންނެވުމެއް، ސްކޫލްތަށް ބަންދު ވުމާއި އެކު ކުދިން ގޭގަ ތިބޭނެތީ އާއި އެކު އޮފީސްތަކުގެ ޚަރަދުވެސް ކުޑަކުރުމަށް މިދުވަސް ކޮޅު ރަސްމީ ގަޑި ތަންކޮޅެއް ކުރުކޮއްލަދެއްވުން އެދެން.

  4
  1
 3. މިނިސްޓްރީ

  ވަރަށް ރަނގަޅު ނިއްމެވުމެއް..ސްކޫލްތަކުގެ ރަސްމީ ކިޔެވުން ބަންދުވެފަ ޓީޗަރުންތައް ސްކޫލްއަށް ނިކުމެތިބުން ވަރަށް ބޭކާރު.މިހެން މިބުނީ، ބައެއް ސްކޫލްތައް އެބަ ހުރި 90އިން 100 އިން މުވައްޒަފުން..އޮންލައިންކޮށް ކިޔަވާ ދިނުމުގެ އިންތިޒާމް ހަމަޖެއްސިދާނެ ގޭގަ ތިބެގެންވެސް..މިކަމާއި ވިސްނާލުން މުހިއްމު..

  4
  2
 4. ހުސޭނުބޭ

  ދޮގުހަދައިގެން ނޯބްލް އިނާމު މީހަކަށް ލިބެންޏާ ޞާލިހްބެޔަށް ލިބޭނެ! މިއަދުވެސް ކުދިންނަށް ކިޔަވާދިނީއެއްނޫން ކުރާނެ މަސައްކަތެއް އޮތީކީ ނޫން..... އެކަމަކު ހުރިހައި ޓީޗަރުން ވަޒީފާއަށް ނުކުތް!

 5. މުގުރާން

  އަދިވެސް ބޭކާރުސިޔާސީމީހުންތައް މަދުނުކުރާތި؟ ގައުމު އޮޔާދާއިރުވެސް ؟

 6. ކަނޑުކޮސް

  ޢޮންލައިނޭ ފިޝިންލައިނުންވެސް ކިޔަވާދީބަލަ ބުހުތާނު ދޮގުހެދުމަކީ ބޮޑުވެގެންވާ ފާފައެއްކަން ނަމުންސޯލިހު ކަމުން ޖާހިލު ވެރިމީހާއަށް އަޅެ ނުވިސްނެނީތަ ބޯހަލާކު.