ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ނޭޕާލުން އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ގައުމަކަށްވެސް މި ހިދުމަތް ވަގުތީގޮތުން ހުއްޓާލައިފިއެވެ.

ނޭޕާލުން ދަނީ އެ ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަމުންނެވެ.

އެގޮތުން ނޭޕާލް ސަރުކާރުން އަންގާފައިވާ ގޮތުގައި ފަތުރުވެރިން ނޭޕާލްއަށް ދާނަމަ ދާން ޖެހޭނީ ކޯވިޑް-19 ނެތްކަން އަންގައިދޭ މެޑިކަލް ލިޔުމެއް ނޭޕާލަށް އެތެރެވާ ތާރީހަށް 7 ދުވަސް ހަމަ ނުވާ އެ ގައުމެއްގެ ކަމާއި ގުޅުން ހުރި އިދާރައަކުން ހޯދައި އެލިޔުން ހިފައިގެންނެވެ.

މީގެ އިތުރުން ހުރިހާ ފަތުރުވެރިންވެސް ނޭޕާލްއަށް ދިޔުމުން 14 ދުވަހަށް އަމިއްލައަށް ކަރަންޓިންގައި ތިބެންޖެހޭނެކަންވެސް ނޭޕާލް ސަރުކާރުން އަންގަވާފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވަނީ ނޭޕާލްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ނޭޕާލްގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަަށް އިލްތިމާސްކޮށްފައެވެ.

އަދި ނޭޕާލްއަށް ދަތުރުކުރާ ފަރާތްތަކުންނާއި ނޭޕާލްގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިމިނިސްޓްރީގައި ރެޖިސްޓަރ ކުރުމަށާއި އަދި، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި ފޮރިން މިނިސްޓްރީ އިން ވަނީ ފަހަގަކޮށްފައެވެ.

ނޭޕާލް އަކީ ދިވެހި ކިޔަވާ ކުދިންނާއި އަދި ބައެއް ދިވެހިން ފަތުރުވެރިންގެ ގޮތުގައިވެސް ގޮސް އުޅޭ ގައުމެކެވެ.