ކޮވިޑް-19 ޖެހި ހާލުދެރަވެގެން ދަރުވަމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ އުމުރުން 70 އަހަރުގެ ފިރިހެން މީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރ މޫސާ ހުސައިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަށް ގެނައި އިރު ވެސް އޭނާ އަށް ވަނީ ނިއުމޯނިއާ ޖެހިފައި ކަމަށާއި އެހެންކަމުން އޭރު ވެސް އޭނާގެ ހާލު ދެރަކަމަށެވެ. ނަމަވެސް ދިން ފަރުވާތަކަށް ފަހު ފާއިތުވި ދެދުވަހު އޭނާގެ ހާލު ރަނގަޅު ވެފައިވާ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް ނިއުމޯނިއާއަށް ދެ ފަރާތު ފުއްޕާމެއަށް ވެސް އިންފެކްޝަނެއް ހުރި ކަމަށް. ދެން އޮކްސިޖަން އާއި ކަންތަކަށް ބަލާފަ ބަލި ހާލަތު ތަންކޮޅެއް ދަށް ކަމަށް ވާތީވެ އަޅުގަނޑުމެން އައިސީޔޫއަށް މިކަމަށް ކަނޑައެޅިފައި ހުންނަ އައިސީޔޫއަށް އަޅުގަނޑުމެން ޝިފްޓް ކުރީ. ދެން ޝިފްޓް ކޮށްގެން މިކޮޅުގައި މި ދިން ޓްރީޓްމެންޓަކީ މިކަމުގައި ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް މިހާރު ރިސާޗްގެ ގޮތުގައި ހުރި އެންޓިވައިރަލް ސްޓޭންޑާޑް ޓްރީޓްމަންޓް." ޑރ.މޫސާ ވިދާޅުވިއެވެ.

ޑރ.މޫސާ ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން އެންމެ ބޮޑަށް ފަރުވާ ދޭން ޖެހޭ މީހުންނަށް ދަރުމަވަންތައިގައި ފަރުވާދެމުންދާ އިރު މިވަގުތު އެތަނުގައި ތިބީ 4 މީހުން ކަމަށެވެ. އޭގެ ތެރެއިން ބައްޔަށް ފައްސިވެގެން ބައިތިއްބާފައި ވަނީ 2 މީހުން ކަމަށާ އަނެއް 2 މީހުން ކޮވިޑް 19 އަށް ޓެސްޓް ކުރި އިރު ނެގެޓިވްވި ނަމަވެސް އިތުރަށް ޓެސްޓް ހެދުމަށް އެމީހުން އެ ހޮސްޕިޓުލުގައި ބައިތިއްބާފައި ތިބީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެސްޓް ކުރުމަށް އެޑްމިޓް ކުރި ދެމީހުންނަކީވެސް ދެމަފިރިންނެވެ. މިހާރު، ކިރިޔާވެސް ޝައްކު ކުރެވޭ މީހަކު ހުރި ނަމަ އެ މީހަކު ވެސް އައިޗީއެމްއެޗް އިން ޓެސްޓް ކުރަމުންދާ ކަން ޑރ. މޫސާ ފާހަގަކުރެއްވިއެވެ.

ނަމަވެސް މިހާތަނަށް ދިވެހިންގެ ތެރެއިން އެޑްމިޓް ކުރި އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވާކަމަށާ، އެގޮތަށް ޓެސްޓް ކުރަނީ އާއްމުންގެ މެދުގައި ކޮވިޑް 19 ފެތުރުމުގެ ފުުރުސަތު ވީހާވެސް ކުޑަކުރުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    الحمدلله
    ހުރިހާވެސް ޝުކުރެއް ހުރީ މަތިވެރިވަންތަ އިލާހަށެވެ. އެކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ. މިރާއްޖެއަށް ﷲލެއްވި ހެޔޮ ރަޙްމަތްފުޅުގެ ބޮޑުކަމާއެވެ.

    61
  2. ބްރޯ

    ހުރިހާ ސުކުރެއް ހައްގުވެގެން ވަނި މާތްﷲ އަށް .މާތްﷲ އަންގަވަފައިވަނީ މީސްތަކުންވެސް އެ އިލަހު އަންގަވަފައިވަގޮތަށް އަމަލުކުރުމަށް އެއްވެސް ބައްޔެއް އެ ބަލީގެ ބޭހާ އެކު މެނުވީ ބާވައި ނުލައްވާ . އިންސާނުންގެ މަސައްކަތުންއެބޭސް ހޯދާ އަދި ބޭަސް ނުފެނުނު ކަމަވެސް އިންސާނަ އަށް ލިބިފައިވާ ވަސީލަތުގެ ތެރެއިން ބޭސް ކޮށް ސިފާ ދެއްވުންއެދި މާތްﷲ ގެ ކިބަފުޅަށް ދުއާ ކުރަންވާނެ. ހަމައެކަނި ދުއާކުރުމަކުން ނުފުދޭނެ ސަބަބުތަކުގަ ވެސް ހިފަންވާނެ.

    16
  3. ސަންފަ

    ކަރަންޓީން ފެސިލިޓީއެއް ފ އަތޮޅުގައި ގާއިމް ކުރެވިފައި ނެތުމަކީ ނުހަނު ބޮޑައް ފ އަތޮޅުގެ ރައްޔިތުން ކަންބޮޑު ވަމުން އަންނަ ކަމަކައްވާތީ މިކަމުގެ ސަމާލުކަމައް ސަރުކާރަށް ގޮވާލަން