ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ އއ. ރަސްދޫ އިން ފަތުރުވެރިން ގެނައުން ކައުންސިލުން ރޭ މަނާކޮށްފިއެވެ.
ރަސްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރަސްދޫ އަށް ފަތުރުވެރިން ގެނައުން މަނާ ކުރީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވުމާ ގުޅިގެން ރަސްދޫގައި އޮޕަރޭޓްކުރަމުންދާ ގެސްޓްހައުސްތަކާއި ޑައިވް ސެންޓަރުތައް ހިންގަމުންދާ ފަރާތްތަކުން މި ނުރައްކާތެރި ބަލިން ރަސްދޫގައި ދިރިއުޅޭ ރައްޔިތުން ސަލާމަތް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން މާޗް 31 ގެ ނިޔަލަށް އެއްވެސް ފަތުރުވެރިޔަކު ރަސްދޫ އަށް ނުގެންދިއުމަށް ކައުންސިލުގެ ބަޔާނުގައިވެއެވެ.
ރަސްދޫގެ އިތުރުން އެ އަތޮޅު ތޮއްޑޫ އިން ވެސް ވަނީ ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުން މެދުކަނޑާލައިފައެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސާދު ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.
އެގޮތުން ރާއްޖެ އިން ކޮވިޑް-19 އަށް 13 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ފަތުރުވެރިންނެވެ. އަދި މިހާތަނަށް މި ބައްޔަށް ދިވެއްސަކު ފައްސިވެފައެއް ނުވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ހީނަރުކަމުން އަރައިގަތުމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ ވަނީ ފައިނޭސްސިން ސްކީމެއް ގާއިމުކޮށްފައެވެ. މި ފެސިލިޓީގެ އެހީގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދެ މިލިއަން ޑޮލަރާއި ހަމައަށް ލޯނުގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބޮޑައް ކެމްޕޭނު ކުލަޖެއްސޭތޯ ކައުންސިލަރުން އުޅެނީ، މި ދަނޑިވަޅުގަވެސް ވަރަށް އަވަދި ނެތި އުޅެނީ!