ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާތީ ސްކޫލްތައް ބަންދުކޮށް އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައި ދިނުމަށް ނިންމުމާ ގުޅިގެން އެ ދަރިވަރުން އިންޓަނެޓުގެ ޒަރިއްޔާ އިން ކުރާ ކަންކަމަށް ބެލެނިވެރިން އަހުލުވެރި ކުރުމަށް "ސައިބާ ސޭފްޓީ" ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ފޮތެއް މިއަދު ތައާރަފްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އައިޝަތު ވަނީ މި ފޮތް ނެރުމުގައި ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެކަމަށް ހާއްސަ ޝުކުރެއް ދަންނަވައިފައެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މިނިސްޓަރ ވިދާޅުވީ މި ފޮތަކީ އިންޓަނެޓާއި މީސްމީޑިއާގެ އެކި ވަސީލަތްތައް ދަރިވަރުން ބޭނުން ކުރަމުން އަންނަ އިރު ކުރިމަތިވެދާނެ ނުރައްކާތަކަށް ބެލެނިވެރިން އަހުލުވެރި ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލައިފައިވާ ފޮތެއް ކަމަށެވެ. އައިޝަތު ވިދާޅުވީ މި ފޮތުން ރައްކާތެރިކަމާއި އެކު މިފަދަ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް އެނގިގެން ދާނެ ކަމަށެވެ.

"ދެން މިދުވަސްކޮޅަކީ ކޮވިޑް-19 އާ ގުޅިގެން އަޅުގަނޑުމެންގެ ސްކޫލްތައް ބަންދުކުރެވިފައިމިވާ ހާލަތުގައި، އަޅުގަނޑުމެން މި ދަނީ ޓީވީ އާއި އިންޓަނެޓުގެ ވަސީލަތްތައް ބޭނުންކޮށްގެން ފިލާވަޅުތައް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން. އެހެންވީމަ މިދުވަސްކޮޅަށް ވަރަށް މުހިންމު ކަމެއް މީގަ މިހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް ބެލެނިވެރިން ވެސް ބައްލަވައި އެގޮތަށް ދަރިވަރުންގެ އަމަލުތައް ބައްޓަން ކުރުމަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ މިކަމަށް ބެލެނިވެރިން އަހުލުވެރިކުރުވުމަށް ހާއްސަ ފޮތެއް ނެރުމުން އުފާކުރައްވާ ކަމަށެވެ.

ހަމީދު ވިދާޅުވީ ރާއްޖެއަކީ އިންޓަނެޓު ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުން އަންނަ ތަނެއް ކަމަށާއި އަދި ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުދިންނާއި، އުމުރުން ހަގު ފަރާތްތަކުން އިންޓާނެޓުގެ ވަސީލަތްތައް، ހާއްސަކޮށް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުން ކުރަމުން އަންނަ މިންވަރު އިންތިހާ އަށް ގިނަކަން ފާހަކަ ކުރެވޭ ކަމަށެވެ.

އެގޮތުން އެޗކުދިންނަނަށް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ބުލީ ކުރުމާއި، އެކި ގޮތްގޮތުން ބްލެކްމެއިކް ކުރުން ފަދަ ކުއްތައް ދަނީ އާންމު ވަމުން ކަމަށާއި، އެފަދަ މައްސަލަތައް އިންތިހާ އަށް ގިނަ ކަމަށް ހަމީދު ފާހަގަކުރެއްވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަތަރަސް

    މި ހަމީދަކީ އެމް.ޑީ .އެންގެ އަދި ސަހިންދާގެ ޕާޓްނަރެއް އަދި މެންބަރެއް މިކަލޭގެ މިއުޅެނީ ޅަދަރިން ހަލާކުކުރަންތަ؟؟

    1
    1