ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ޓޫރިސްޓު މީހާ މާލޭގައި ދެ ދުވަސް ވަންދެން ހުރި މާގިރި ހޮޓާ ޑިސްއިންފެކްޓްކުރުމަށް ފަހު ހުޅުވައިފިއެވެ.

މާމިގިރި ހޮޓާ ޑިސްއިންފެކްޓް ކުރުމަށް ބަންދު ކުރީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިިޔަލަށެވެ.

މާގިރި ހޮޓެލްގައި ދެ ދުވަސް ވަންދެން ހުރި ފަތުރުވެރިޔަކީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު، މާލެ މާގިރީގައި މަޑު ކުރުމަށް ފަހު މި މަހުގެ އެއްވަނަ ދުވަހު އިޓަލީ އަށް ފުރި ފަތުރުވެރިއެކެވެ. އޭނާގެ ސަބަބުން ކުރެއްދޫގެ އިތުރު ފަސް މީހަކަށް ކޮވިޑް-19 ޖެހުނެވެ.

ބަލި ޖެހިފައި ހުރި މީހަކު މާގިރި ހޮޓަލުގައި އުޅެފައި ދިޔަކަން އެނގުމާ އެކު، އޭނާއާ ކޮންޓެކްޓްވި އެ ހޮޓަލުގެ މުވައްޒަފުންނާއި މާލޭން އޭނާއާ ކޮންޓެކްޓްވި މީހުން ހޯދައި އެކަހެރިކޮށް ބައެއް މީހުން ޓެސްޓް ވެސް ކުރިއެވެ. އެކަމަކު، އެންމެން ވަނީ ބައްޔަށް ނެގަޓިވްވެފައެވެ.

މާގިރި ހޮޓެލްގައި 51 ކޮޓަރި ހުންނަ އިރު، އެއީ 92 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހެދި ހޮޓަލެކެވެ.

ކޮވިޑް-19 އަށް ރާއްޖޭން 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރާއްޖެ އިން މި ބަލި ފެނުމާ ގުޅިގެން ސްކޫލްތަކާއި ޔުނިވާސިޓީ އަދި ކޮލެޖުތައް ވަނީ ބަންދުކޮށްފައެވެ. މި ބައްޔާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑު ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އަންނަ ގައުމުތަކުން މީހުން ރާއްޖެ އަށް އައުން ސަރުކާރުން ވަނީ މަނާކޮށްފައެވެ.

މި ބަލިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތް ދޮވުމަށާއި ކެއްސާ ކިނބިހި އަޅާނަމަ ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށިން ނޭފަތާއި އަނގަ ރަނގަޅަށް ބަނދުކުރުން އަދި މި ބަލީގެ އަލާމަތެއް ހުރި ނަމަ ހޮސްޕިޓަލުތަކަށް ދިޔުމުގެ ބަދަލުގައި ގާއިމު ކުރެވިފައިވާ ފުލޫ ކުލިނިކްތަކުން ފަރުވާ ހޯދައި ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް އަމަލުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ތިވާނީ ހޮޓަލަށް ކޮވިޑް 19 ޖެހިގެން ފަރުވާދީ ރަގަޅުކުރުމަށްފަހު އަލުން ހުޅުވީކަމަށް!

  2. ބެއްޔާ

    މާގިރި ދަލާލް!