ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މިއަދު ހަވީރު 03:00 ގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ މި މައްސަލައިގެ އަޑުއެހުން ކެންސަލް ކުރިކަން މައްސަލައިގެ އަޑުއެހުމަށް ހާޒިރުވެތިބި ނޫސްވެރިންނާއި އާއިލާ މެންބަރުންނަށް އެ ކޯޓުން އަންގާފައިވަނީ ހަވީރު 04:45 ހާއިރުއެވެ. މި މައްސަލައިގެ އަޑު އެހުން ކެންސަލްކުރި ސީދާ ސަބަބު ސާފުވެފައި ނުވާއިރު، މި ތިން ބޭފުޅުންވެސް ކޯޓަށް ހާޒިރު ކޮށްފައިވެއެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާއިރު، މި މައްސަލައިގައި މި ތިން ބޭފުޅުން އެންމެ ފަހުން ކޯޓަށް ގެނެސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން އެދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، އެދުވަހު ކޯޓުން އެ ތިން ބޭފުޅުންނަށް ވަކީލަކު އައްޔަންކުރަން 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ އިބްތިދާއީ އަޑު އެހުމެއް އިއްޔެ ބާވާފައިވެއެވެ. މި މައްސަލައިގައި ހިމެނޭ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ދައުލަތުން ވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާވެސް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝަހީދު

    ސާބަހޭ ރައީސް ޔާމީން! ޤާނޫނީީ ޙުކޫމަތު ހިންގެވުމުގަ ކުޑަ މީހެއް ބޮޑު މީހެއް ތިމާގެ މިހެއްތޯ ނުބައްލަވައި ރައީސެއް ތިނޫނީީ ނުދެކެން! ބާޣީންނަށް ފުކެއްވެސް ދޫ ނުދެއްވާތި. ތިޔަ ރައީސަށް އަހަރެން ތާއިދު ކުރަން ނިންމައިފިން

  2. ތިމަންނަ

    ރޯގާ ހުންނަނީ އެކިގޮތްގޮތަށެވެ. ހީވާގޮތުން މިހާރު ތިޔައުޅެނީ ކެންސަލް ރޯގާ ފެތުރިގެންނެވެ.