މިހާރު މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ފައްސި (ޕޮޒިޓީވް)ވުމާއި ގުޅިގެން އާންމުންގެ ސަލާމަތާއި ރައްކާތެެރިކަމަށްޓަކައި އައްޑޫ ސިޓީި ކައުންސިލުން އެ ސިޓީގެ ޕާކްތަކާއި މައިޒާންތަކަށް ބަންދުކުރުމަށް ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާއި ގުޅިގެން އައްޑޫ ސިޓީގެ ފާކްތަކާއި މައިޒާންތަކަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އެ ކައުންސިލުން ބަޔާން ކޮށްފައިވާ ގޮތުގައި ބަންދުކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ޕާކުތަކާއި، ސްވިމިން ޓްރެކް ސަރަހައްދު / އާއްމުކޮށް ތާސްކުޅުމަށް އެއްވެ އުޅޭ ސަރަހައްދުތައް ހިމެނެއެވެ.

މި ބައްޔާއި ގުޅިގެން އައްޑޫގެ އިތުރުން މާލެ/ހުޅުމާލެ ސަރަހައްދުގެ ހުރިހާ ޕާކުތަކާއި މީހުން އެއްވެ އުޅޭ ސަރަަހައްދުތައް ވަނީ ބަންދުކުރެވިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް ލިބިގެން ގޮސްފައެވެ. ރާއްޖެއިން މި ބައްޔަށް މިހާތަނަށް ފައްސިވެފައި ވަނީ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކާއިި ފަތުރުވެރިންތަކެކެވެ. މިހާތަނަށް ދިވެއްސަކަށް މި ބަލި ޖެހިފައެއް ނުވެއެވެ. ނަމަވެސް އަލާމާތްތައް ފެންނަމުންދާ ވަރަކަށް އަންނަނީ އެމީހުން އެކަހެރިކޮށްގެން ޓެސްޓު ކުރަމުންއެވެ.

މި ބަލިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތްދޮވުމަށާއި ސެނިޓައިޒާ ބޭނުން ކުރުމާއި ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ބަންދުކުރުމާއި ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށި ބޭނުން ކުރުމަށް ސިއްހީ ހިދުމަތްތެރިން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި ގާއިމު ކުރެވިފައިވާ ފުލޫ ކުލިނިކުތަކުން ފަރުވާ ހޯއްދަވާ އެފަރާތްތަކުގެ އިރުޝާދާއިއެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދެންވެސް ސިއްރުނުކޮށް 3އެސް ލައްންޖަށް ޕޮޒިޓިވް ވި ދެފަތުރުވެރިން ދިއަވާހަކަ ހާމަކުރޭ