މިހާރު ހަލުވި ކަމާއި އެކު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވް ވެފައި ވުމާއި އެކު އަދިވެސް މިބަލި އިތުރަށް ފެތުރިގެން ދާނެ ކަމުގެ ބިރުވެރިކަން އޮތުމުން ސިނަމާ، ތިއޭޓަރުތައް ހިންގުން ހުއްޓަލުމަށް އެޗްޕީއޭ އިން އަންގައިފިއެވެ.

އެޗްޕީއޭ އިން މިކަމާއި ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ މިއަދުން ފެށިގެން ހުރިހާ ސިނަމާ ތަކާއި ފިލްމު ތިއޭޓަރުތައް ހުއްޓާލައިފައި ވާކަމަށާއި، މިއީ ރާއްޖޭގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާންކޮށްފައި އޮތުމާއި އެކު، ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން ކުރާ ކަމެއް ކަމަށެވެ.

ސިނަމާތައް އަދި ފިލްމު ތިއޭޓަރުތައް ބަންދުކުރުމަށް އަންގާފައި ވަނީ ދެހަފްތާގެ މުއްދަތަކަށެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުން ނިސްބަތްވާ ގައުމުތަކެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ގިނަ މީހުންނަކީ އިޓަލީވިލާތުގެ ރައްޔިތުންނެވެ. ރާއްޖެ އަށް އިޓަލީވިލާތުން ފަތުރުވެރިން އައުން މަނާ ކުރީ އިޓަލީވިލާތް މެދުވެރިވެގެން ވަރަށް ގިނަ ގައުމުތަކަށް ކޮވިޑް-19 ފެތުރުނު ފަހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިހާރު ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ބައެއް ގައުމުތަކުން ރާއްޖެ އަށް މީހުން އައުން މަނާ ކުރުން ހިމެނެއެވެ. އަދި ރިސޯޓްތަކުގެ މުވައްޒަފުން 14 ދުވަސް ވަންދެން ރިސޯޓުން ނުފޭބުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެއްވެސް ތަނަކަށް އެއްވެސް ފަތުރުވެރިޔަކު ގެނައުން ވަނީ މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަލާޔާނުލާ

    ހުރިހާއޭ ބުނާއިރު އިންނަނީވެސް އެންމެ ތަނެއް

    5
    1
  2. ކްރޯޖޭ

    ޖަލުތައް ބަންދުކުރާކަށްނުވޭތަ ވާނުވާގަ 2 އަހަހ ހަރު