ރާއްޖެއިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވި މީހުންގެ ގައުުމު ހާމަކޮށްފިއެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާސެކެރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖެއިން ކޮވިޑް-19އަށް ފައްސި ވި 13 މީހުންގެ ތެރެއިން ނުވަ ފަރާތަކީ އިޓަލީއަށް ނިސްބަތްވާ މީހުން ކަމަށާއި، އަދި ތުރުކީ ވިލާތުގެ އެއްފަރާތަކާއި، ދެކުނު އެފްރިކާގެ އެއް ފަރާތެއް ޖަރުމަން ވިލާތުގެ އެއް ފަރާތުގެ އިތުރުން، އިނގިރޭސިވިލާތުގެ އެއް ފަރާތެއް ކަމަށެވެ. އަދި އޭގެ ތެރެއިން ހަ ފަރާތަކީ ފިރިހެން ކަމަށާއި، ހަތް ފަރާތަކީ އަންހެން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑު ކުރިން މިވާހަކަ ތިބޭފުޅުންނާއި ދެއްކި އިރު ބުނެފައި އޮންނާނެ އެންއީއޯސީގެ ޑިސިޝަން އަކީ ވަކި ރަށަކަށް ވަކި ޤައުމެއްގެ ފަރާތުން ފަރާތެއް އައިކަން އެ ހިސާބަށް ނާންގަން އެ ބޭފުޅުންގެ ޕްރައިވަސީއަށް ވިސްނާފައި. 13 ފަރާތެއް އެކުލެވޭއިރު ޖުމްލަކޮށް އެ އޮތް ނަމްބަރު އިއްޔެ އަޅުގަނޑުމެންނަށް މިތާ ޑިސްކަސް ކުރެވުނު ކަމެއް އެގޮތަށް ދީގެންނެއް ޕްރައިވެސީ އިޝޫއަކަށް ނުވާނެތީވެ." މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. ބަލީގެ އަލާމާތްތައް ފެނިފައި ވާތީ ވިލިވަރުގައި 18 މީހަކު ކަރަންޓީން ކޮށްފައި އެބަތިއްބެވެ. އަދި ފަރުކޮޅުފުށީގައި 11 މީހަކު އެކަހެރި ކޮށްފައި އެބަތިއްބެވެ. މީގެ އިތުރުން ގިނަ ބަޔަކު ހޯމް އައިސޮލޭޝަންގައި ވެސް އެބަތިއްބެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނިފައި ވާތީ ރާއްޖެ އޮތީ މިހާރު ލެވަލް-02 ގެ ރީނދޫ އެލާޓް ގައެވެ. ރީނދޫ އެލާޓް ގައި އޮންނަ އިރު ސަމާލުކަން ދޭން ޖެހޭނެ ކަންތައްތަކަކުގެ ތެރޭގައި ޞިއްހީ މަޢުލޫމާތުދޭ ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތައް އަބަދުމެ އަޑުއަހަމުން ދިއުން ހިމެނެއެވެ.

އޭގެ އިތުރުން ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން، އަދި ހޭންޑް ސެނިޓައިޒަރ ބޭނުންކުރުން، ހުންއައުން އަދި ކެއްސާ ކިނބިހިއެޅުންފަދަ ކަމެއް ހުރިނަމަ ގޭގައި މަޑުކުރުމާއި މާސްކްއެޅުން، ކެއްސާ ކިނބިހި އަޅާއިރު އުޅަނބޮށިން ނުވަތަ ޓިޝޫއަކުން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުން، އަދި ބޭނުންކޮށްފައިވާ ޓީޝޫ ވަގުތުން ޑަސްބިންއަށްލުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން، ކޮންމެހެން ހޮސްޕިޓަލަށް ޒިޔާރަތްކުރަންޖެހޭ ޙާލަތެއްގައި މެނެވީ ހޮސްޕިޓަލަށް ޒިޔާރަތްނުކުރުން ނުވަތަ ޒިޔާރަތްކުރާ މިންވަރު މަދުކުރުން، ރޯގާޖެހި ކެއްސާ ހުންއައުންފަދަ ކަމެއް ހުރިނަމަ ހޮސްޕިޓަލުގައި ތިބޭ އެހެން ބަލިމީހުންނަށް ޒިޔާރަތްނުކުރުން އެއީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އެލާޓްގައި ލިޔެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބްރޯ

  އިގިރޭސި ވިލާތުން މިހާރު ލަފާކުރާ ކުރުންތަކަށް ބަލާއިރު އިގިރޭސި ވިލާތުން ރާއްޖެއަށް މީހުންގެނައުން ރައްކާތެރިއެއްނޫން . ވީމާ އިގިރެސި ވިލާތުން ރާއްޖެއަށް މީހުން އައުން ލަސްނުކޮށް އަވަހަށް ބަންދުކުރައްވާ.

  95
 2. ޢާދަނު

  ރާއްޖޭގެ ހުރިހާ ރައްތަކެއްގެ ހޮޓާ ރެސްޓޯރެންޓް ތައް ބަންދު ކުރައްވާ..

  52
  5
 3. ކަޅުބެ

  ޢެއްވެސް ގައުމެއްގެ މީހަކު މި ރާއްޖެއަށް އެތެ ރެ ވުމަކީ ޖިނާއީ ކުށެއްކަމަށް ނިންމާނީ ކޮންދުވަހަކުންބާ.

  29
  4