ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ފައްސިވުމާއި ގުޅިގެން އައިޖީއެމްއެޗްގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަދެ ނިކުމެ ހަދާ ދޮރުތަކަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ މާދަމާ އިން ފެށިގެން އިމަޖެންސީ ރޫމަށް ދާން ބޭނުންވާ މީހުންނަށް ވަދެވޭނީ ފުރަތަމަ އިމަޖެންސީ ޕޯޓިކޯގައި ހެދިފައިވާ ޕްރައިމަރީ ޓްރިއޭޖަށް ކަމަށެވެ. އެތަނުން ޓްރިއޭޖް ކުރުމަށް ފަހު ސިއްހީ ހާލަތަށް ބަލައި ފަރުވާ ދިނުމަށް ދެން ދާން ޖެހޭ ތަނުގެ އިރުޝާދުތައް ހޮސްޕިޓަލުން ދޭނެ ކަމަށް ވެސް އައިޖީއެމްއެޗްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން، އިމަޖެންސީ ރޫމަށް ވަނުމަށް އާންމުކޮށް ބޭނުން ކުރާ ކޮރިޑޯ މިހާރު ބޭނުން ނުކުރެވޭ ގޮތަށް ވަނީ ބަދަލު ކުރެވިފައެވެ. އަދި ވޯޑުތަކަށާއި ކާޑިއެކް ސެންޓަރަށް ވަނުމަށް ބޮޑުތަކުރުފާނު މަގުގައިވާ ދޮރޯދިން ވަދެވޭނެއެވެ. އަދި ލެބޯޓަރީތަކަށް ވަންނަން ބޭނުންވާ މީހުން ކަނބާ ރަނި ހިނގުމުގައި ހުންނަ މައި ދޮރޯށިން ވަދެވޭގޮތަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މި ބަލިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތްދޮވުމަށާއި ސެނިޓައިޒާ ބޭނުން ކުރުމާއި ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ބަންދުކުރުމާއި ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށި ބޭނުން ކުރުމަށް ސިއްހީ ހިދުމަތްތެރިން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި ގާއިމު ކުރެވިފައިވާ ފުލޫ ކުލިނިކުތަކުން ފަރުވާ ހޯދައި އެފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.