ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން އަންނާތީ ރައްކާތެރިވުމުގެ ގޮތުން ސިވިލް ކޯޓުން ހާއްސަ އުސޫލުތަކެއް އެކުލަވާލައިފިއެވެ. އެ އުސޫލުގެ ދަށުން އެ ކޯޓަށް ހުށަހަޅަން ޖެހޭ މައްސަލަތައް މިހާރު އީމެއިލްގެ ޒަރިއްޔާއިން ހުށަހަޅަން ވަނީ އަންގާފައެވެ.

ސިވިލް ކޯޓުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޯޓަށް ހާޒިރުކުރާ މީހުންގެ އަދަދު މަދު ކުރުމުގެ ގޮތުން އަޑުއެހުންތައް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޮންމެހެން މީހުން ހާޒިރު ކުރަންޖެހޭ ނަމަ، އެ އަޑުއެހުމެއް ބާއްވާނެ ގޮތް އިސް ގާޒީއާ މަޝްވަރާކޮށްގެން އެ މައްސަލައެއް ބައްލަވާ ފަނޑިޔާރަކު ކަނޑައަޅާ ގޮތަށް މިހާރު ހަމަޖައްސާފައިވާކަން އެ ކޯޓުން ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މައްސަލަތައް ހުށަހަޅަން ކޯޓަށް ދުރުވާ ފަރާތްތަކުން މިހާރު އެ މައްސަލަ ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރި ކޮށެވެ. އެކަމަށް އެކޯޓުން ވަނީ ހާއްސަ އީމެއިލްއެއްވެސް މިހާރު ހަމަ ޖައްސާފައެވެ. އަދި ކޯޓުން ސާފުކުރަން ޖެހޭ ރިކޯޑްތައް ހޯދުމަށް ވެސް ދެން ހުށަހަޅަން ޖެހޭނީ މެއިލް މެދުވެރިކޮށް ކަމަށް އެ ބަޔާނުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރުތައް ފޮނުވާނީ އެ ފަރާތެއް ކޯޓަށް ދީފައިވާ ނަންބަރުގެ ވައިބާއަށް ނުވަތަ ވަޓްސްއެޕަށް ނުވަތަ ދީފައިވާ މެއިލަށް ކަމަށެވެ.

ސިވިލް ކޯޓު ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އަށެވެ. އަދި ހޮނިހިރު ދުވަހު ކޯޓު ބަންދު ކޮށްފައި ހުންނައިރު، ނުރަސްމީ ގަޑިތަކުގައި ޓުވިޓާ މެދުވެރިކޮށް އެ ކޯޓާއި މުއާމަލާތު ކުރެވޭނެއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާއިރު، ރާއްޖެއިން މިހާރު އަންނަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަަޅަމުންނެވެ.