ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ދައުރު އިތުރު ކުރަން ކޯޓަކުން ގޮތެއް ނުނިންމޭނެ ކަމަށާއި އެކަން ނިންމަން ޖެހޭނީ ގާނޫނަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހަޅުއްވައި ދެއްވަމުން ނިޔާޒް ވިދާޅުވީ އިންތިހާބެއް ލަސް ކުރެވޭނީ ދެ ހާލަތެއްގައި ކަމަށާއި އެއީ ހަނގުރާމައިގެ ހާލަތުގައި އާއި ބަލިމަޑުކަމެއް ދިމާވާ ހާލަތުގައި ކަމަށެވެ. އެހެންވެ، މިހާރު ރާއްޖެ އާއި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކައުންސިލް އިންތިހާބަށް ތައްޔާރުވާން ވަގުތު ބޭނުންވާ ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.

މިހާރު އޮތް ހާލަތުގައި އިންތިހާބެއް ނުބޭއްވޭނެ ކަން އެންމެންނަށް ވެސް އެނގޭ ކަމަށާއި އިންތިޚާބު ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓުގައި އެދެން ނިންމުމަކީ ރަނގަޅު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ނިޔާޒް އެގޮތަށް ވިދާޅުވި އިރު، ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާތީ އަންނަ މަހުގެ 18 ވަނަ ދުވަހު ބާއްވަން ނިންމި، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން މިއަދު އަނބުރާ ގެންގޮސް، ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓުގައި އެދިފައި ވަނީ ގައުމުގައި އޮތް ހާލަތު ރަނގަޅުވެ، އާންމު ހާލަތަކަށް ރުޖޫއަވެއްޖެކަން ސަރުކާރުން ހާމަކުރުމުން އިންތިހާބު ބޭއްވުމުގެ އަމުރެއް ނެރެދިނުމަށެވެ. އަދި އޭގެ ފަހުން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ދިނުމަށް އެދިފައިވެއެވެ.

އަލީ ނިޔާޒް ވިދާޅުވީ ވިދާޅުވީ މީގެކުރިން ކައުންސިލްތަކުގެ ދައުރު ހަމަވުމުން ދައުރު އިތުރު ކުރަން ކޯޓުން ނިންމާފައިވީ ނަމަވެސް އެކަމުގެ ސަބަބުން އެތައް ދަތިތަކަކާއި ގާނޫނީ ހުރަސްތަކާ ކުރިމަތިވި ކަމަށެވެ. އެހެންވެ، އެފަދަ ހާލަތެއް އައިސްފި ނަމަ، އަމަލު ކުރާނެ ގޮތް ގާނޫނުގައި ލިޔެފައި އޮންނަން ޖެހޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

"ނަމަވެސް ގާނުނުގައި ވަކި ގޮތަކަށް މުއްދަތެއް ކަނޑައަޅާފައި އޮތް މުއައްސަސާއެއްގެ މުއްދަތު އިތުރުކުރުމަކީ ގާނޫނަކުން ލިޔެވިގެން ނޫނިއްޔާ ކުރެވޭނެެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެއްވެސް ހާލެއްގައި އަޅުގަނޑަށް ގަބޫލެއް ނުކުރަން މިހާރު އޮތް ލޯކަލް ކައުންސިލްތަކުގެ މުއްދަތު ތިނެއް ޖޫން އަށް ހަމަވާ އިރުގައި އެ މުއްދަތު އިތުރުކުރުމަށް ކޯޓަކަށް ނުވަތަ އެހެން އެއްވެސް އިދާރާއަކަށް ކަންކަން ކުރެވިދާނެ ކަމަކަށް،" ނިޔާޒް ވިދާޅުވިއެވެ.

ރާއްޖޭގެ އިދާރާތައް ލާމަރުކަޒީކޮށް ހިންގުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ މީގެ ކުރިން ގާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ނުވަނީސް، ކައުންސިލަރުންނާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ގާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައި ނެތް ކަމެއް ނުކުރެވޭނެ ކަމަށް ނިޔާޒް ތަކުރާރުކޮށް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އެންމެ ރަނގަޅަށް ތަންފީޒު ވާނީ އަލަށް ހޮވޭ ކައުންސިލްތަކާއި އެކުގައި ކަމަށް ނިޔާޒް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  ރައްޔިތުންގެ ރައްކާތެރިކަމާގުޅިގެން ދައުލަތުން ގޮތެއް ނުނިންމައިފިނަމަ ސްޕްރީމް ކޯޓަށް ލިބިގެންވާ އިހްތިސާސްއެއް "ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް އެންގުން، ނުވަތަ މެންޑަރމަސްގެ އަމުރެއް" ނެރުމަކީ. ޤާނޫނީ އިލްމެއްނެތް މީހުން މަޖްލީހުގައި ތިބެ ތިކަހަލަ ވާހަކަ ދައްކަފާނެ. ޤާނޫނު ހަދާ މަޖްލިހަށް ވަދެވުމަކީ ޤާނޫނީ އިލްމުވެރިއަކަށް ވުމެއްނޫން އިނގޭތޯ ނިޔާޒޫ!!

  24
  1
 2. Anonymous

  މަޖްލީހުގައި ތިތިބަ ރައްޔިތުންގެ ޚާދިމުންނަށް އެމީހުން އެގޮނޑިތަކަށް ހޮވި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްވުރެ މުހިންމުވަނީ އެމީހުންގެ ސިއްރު އެޖެންޑާ ތަންފީޒު ކުރުމަށް އެންމެ ފަހުން ކުރަންޖެހޭ ކަންތައްކަމުގައިވާ "ކައުންސިލްތައް އަތްދަށުލުން" ކުރިއަށް ގެންދިއުން. މިހާލަތުގައި އަދުލު އިންސާފުގެ ދާއިރާއަށް ލިބިގެންވާ ބާރެއް ރައްޔިތުންގެ މަސްލަހަތު އިސްކޮށް ވަކިގޮތަކަށް ކަންކުރުމަށް މެންޑާމަސް އަމުރު ނެރުމަކީ. ކޮންމެ ގޮތަކުން މިއިންތިހާބު ބޭއްވުމަށް ކަލޭމެނަށް ތި ވަސްވާސްދެނީ އިބިލީސް ނޫން ދެވަނަ ފަރާތަކަށް ނުވާނެ. އެހެނީ ޝައިޠާނާ ބޭނުންވާނީ އޭނާގެ ދުޝްމަނު އިންސާނާ ހަލާކުކޮށްލަން. ނެތިކޮށް ނިކަމެތިކަމާއެކު ނަރަކައަށް ވެއްޓިގެންދާން.

  13
  1
 3. ަސދ

  ކޯޓަށް ނުނިންމެޏާ ކޯޓުތަށް އުވާލައި ހަރަދު ކުޑަކުރުމުގެ ގޮތުން

  18
  1
 4. ދަޢުރު

  ދަޢުރު އިތުރު ކުރާކަށް ނުޖެހޭ.. ޤާނޫނުގަ ވަރަށް ސާފުކޮށް އޮތީ ކަޅާހުދުން ފެންނަން “އިންތިޚާބު ކުރާ ދުވަހުން ފެށިގެން 5 އަހަރޭ ދަޢުރަކީ.. އޭގެ މާނައަކީ މި ޑިސެމްބަރު 31 ގަ ހުވާ ކުރިޔަސް އެދުވަހުން ފެށިގެން 5 އަހަރޭ ގުނާނި. ސުވާލު އުފެދެނީ މިހާރު އޮތް ކައުންސިލްތަކުގެ ދަޢުރު ޖޫން 3 ގައި ހަމަވުމުން އެދުވަހަށް އާ ކައުންސިލް ހުވާ ނުކުރެވި ހޭދަވާ ދުވަސްތަކާމެދު ޢަމަލު ކުރާނެ ގޮތް.. އެއަށް މީގެ ކުރިން ކޯޓުން އޮތީ ފަރުވާއެއް ދީފަ އެއީ އާ ކައުންސިލް ހުވާ ކުރުމާހަމައަށް މިހާރު ތިބި ކައުންސިލްތަކުގެ ޒިންމާ އަދާކުރުމުގަ ދެމި ތިބެންވާނެކަމަށް.

  8
  1
 5. ރަސީ

  މިހާރު ވަރި، ކައިވެނި ވެސް މަޖްލިސް. ކަށުކަމާކެމީގެ ކަންތައްވެސް މަޖްލިސް. މިވަރުން ދަންޏާ ޤާނޫނު އަސާސީގެ ބޭނުމެއް ނޯންނާނެ.

  9
  1
 6. ތަންދޮރު

  ގާނޫނުގައި ސާފު ބަހުން ވަކި ތާާރީޚްތަކެއްގައި ވަކި ގޮތަކަށް ކުރަން ކަޑައެޅި ބަޔާންކޮށްފައި އޮތް ކަމެއް ކޯޓަކަށް ބަދަލެއް ނުކުރެވޭނެ. ތިކަން ކުރެވޭނީ ގާނޫނު ބަދަލުކޮށްގެން. އެއީ ރައްޔިތުންގެ މަޖުލީހުގެ ކަމެއް.

  1
  3
 7. އަލީ

  ހުރިހާ ކޯޓްތައް އުވާލާފާ ޝަރީއަތްތައް ހިންގުމަކީވެސް މަޖިލީހުންކުރާ ކަމެއްގެގޮތުގައި ހަމަޖައްސާ. އޭރުން ކަރަދު ކުޑަވާނެ.

 8. ހާމަނުވާ

  ޤާނޫނު ހަދާ މީހުންނޭ.ކަލޭމެން ތި ހަދާ ޤާނޫނުގައި އެއްވެސް އޮއްޓަރެއް ނެތް.މިހެން މިބުނީ ދެދުވަހުން އެއްދުވަހު ކޮންމެސް ޤާނޫނެއް އިސްލާހުކުރަން ނޫނީ އުނިކުރަން ނުވަތަ އިތުރުކުރަން ބަހުސް ކުރާނެ.އަޅެ ކަލޭމެން މޮޅިއްޔާ ﷲ ގެ ޤާނޫން ބަދަލުކޮށް އިސްލާހު ކޮށްބަލަ.އޭރަށް އަހަރެން ތަބާވާނަން ކަލޭމެންނަށް.ﷲ ގެ ޤާނޫނަށް ތަބާ ނުވާ މީހުންނަކީ އަހަރެންގެ ކުރިމަތީގައި އެއްވެސް ބައެއްނޫ.ކަލޭމެން އަޅެ އަދިވެސް ހޭ އަރާކަށް ނުވޭތަ؟