ކޮވިޑް-19 އާއި ގުޅިގެން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ކުރިމަތިވެފައިވާ މަސް ގަތުމުގެ މައްސަލަ ހައްލުކުރުމަށް 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް ގާއިމުކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުން މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، ފާއިތުވެދިޔަ ފަސް ދުވަހު، އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަނާއި، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކާއިއެކު ކުރެވުނު ސިލްސިލާ މަޝްވަރާތަކަށްފަހު، މަސްވެރިންނާއި މަސް ގަންނަ ފަރާތްތަކުގެ ވިޔަފާރި ދެމެހެއްޓުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ދުނިޔޭގެ ބާޒާރުގައި ފިނިކުރި ތާޒާ މަހަށް އޮތް ޑިމާންޑް އެތައް ގުނައެއް ދަށްވެގެން ގޮސްފައިވުމާއެކު، މަސްވެރިންނާއި އޮޑިވެރިންގެ އާމްދަނީއަށާއި މަސްވެރިން އަތުން މަސްގަނެ ޕްރޮސެސްކުރާ ފަރާތްތަކުގެ ވިޔަފާރިއަށް މިކަމުގެ ސަބަބުން ހީނަރުކަން ދަނީ އަންނަމުންނެވެ. އެހެންކަމުން، ބޮޑުކަންނެލީގެ މަސްވެރިކަމުގައި ކުރިމަތިވަމުންދާ ދަތިތަކަށް ލުޔެއް ހޯދައިދިނުމާއެކު މަސްވެރިކަން ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ފަހިކުރުމަށް ފިޔަވަޅުތައް އެޅުމަށް ފިޝަރީޒް މިނިސްޓްރީއިން ވަނީ އެއްބަސްވެފައެެވެ.

އެއްބަސްވެފައިވާ ފިޔަވަޅުތައް:

1. ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުނިތަކުން ގަނޑުކުރިމަހުގެ ގޮތުގައި މަސް އެކްސްޕޯޓްކުރުމަށް ބޭނުންވާ ކޭޝް ފްލޯ ފޯރުކޮށްދިނުމަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ޤާއިމުކޮށްދިނުން.

2. ލޯނު ފެސިލިޓީގެ ބޭނުން ހިފާ ކުންފުނިތަކުން -/25 ރުފިޔާއަށްވުރެ ކުޑަ ނޫން އަގެއްގައި މަސް ގަތުން.

3. ބޮޑުކަންނެލީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ތެރެއިން، އިންޖީނު ލޯނު ނުވަތަ އޮޑިބަނުމަށާއި މަރާމާތަށް ލޯނެއް ނަގައި ދައްކަމުންދާ ފަރާތްތަކުގެ ލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ވަކި މުއްދަތެއްގެ ލުޔެއް ހޯދައިދިނުން.

މިފިޔަވަޅުތަކުގެ ސަބަބުން، މިހާރު ބޮޑުކަންނެލީގެ މަސްވެރިން ބާނާ މަސް ގަތުމުގައި ކުރިމަތިވެފައިވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި، ކޮވިޑް-19ގެ ނުރައްކަލުން އަރައިގަނެވެންދެން މަސްވެރިންނާއި މަސް ގަންނަ ކުންފުނިތައް ހުއްޓުމަކަށް ނައިސް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ފިޝަރީް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒިޔާދު

    ކުންފުނި ތަކާ އޮޑިވެރިންނަށް ސަރުކާރުންގޮތެއް ހޯދަދީފި ބުރަމަސައްކަތް ކުރާ ކެޔޮޅުންނާ ފަޅުވެރިން ނުއަގުގައި މަސްކޮޅު ކުންފުނިތަކަށްއަޅާލާފަ ފުރާގެންމަހަށް ކެޔޮޅުންނާ ފަޅުވެރިންގެ އާއިލާތަށް ނުކަައި ނުބޯ ނަގާފަވާ ލޯނު ދައްކާނީ ކިހިނެއްތޯ