ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވެފައިވާތީ ބަލި އިތުރަށް ފެތުރުވުނަ ނުދީ ކޮންޓްރޯލް ކުރުމަށް މޯލްޑިވްސް ކަސްޓަމްސް އިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

ކަސްޓަމްސް އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަަތަށް ނެރެގެން ހިދުމަތްދެވޭނެ ގޮތަށް ސަރުކާރުން ނިންމުމާއި ގުޅިގެން މާދަމާއިން ފެށިގެން ކަސްޓަމްސްގެ މަސައްކަތުގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އެއަރކާގޯ ޑޮކިއުމެންޓޭޝަން އަދި އެއަރކާގޯ އެގްޒަމިނޭޝަން އިން ހަފްތާގެ ހުރިހާ ދުވަަހަކު ހެނދުނު 6:00 އިން މެންދަމު 1:30 އަށް ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ސީކާގޯ ޑޮކިއުމެންޓޭޝަން އަދި ސީކާގޯ އެގްޒަމިނޭޝަން އާއި ހުޅުމާލެ ސީކާގޯ އެގްޒަމިނޭޝަން އިން ހެނދުނު 8:00 އިން ރޭގަނޑު 20:00 އަށް ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. މި ދެ އެގްޒަމިނޭޝަންވެސް ހުކުރު ދުވަހު ބަންދު ވާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ ކުރިއަށް އޮތް ހަފްތާ އަށް ސަރުކާރު ބަންދުކޮށް، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަތައްވެސް ކުޑަ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް ނިންމާފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު