ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ޢަދަދެއްގެ ރަން، ރިހި އަދި ރަންވަން ލޯ މެޑަލް ޤައުމަށް ގެނެސްފައިވަނީ ވޭތުވެ ދިޔަ 4 އަހަރު ތެރޭގައިކަން އެނގެން އެބައޮތްކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ކަލާސް އެވޯޑް ހަފްލާގައި ވާހަކަދައްކަމުން މިނިސްޓަރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މިދިޔަ ހަތަރު އަހަރުގައި ބައިނަލްއަޤްވާމީ 45 މެޑަލް ސްކޫލްތަކުގެ ދަރިވަރުން ހޯދާދީފައިވާކަމަށެވެ.

"2007 އިން 2013 އާ ހަމައަށް ސްކޫލް އުމުރުފުރާގެ ދަރިވަރުންނަށް ބައިނަލްއަޤްވާމީ މުބާރާތްތަކުން ހޯދިފައިވަނީ 11 މެޑަލް... އާދެ 11 އިން 45 އާ ހަމައަށް މި ކުރެވުނު ދަތުރަކީ ގިނަބައެއްގެ ވިސްނުމާއި ބުރަ އަދި މިންނެތްމަސައްކަތުގެ ނަތީޖާ... ދަރިވަރުންގެ ހިތްވަރު... މިފަދަ ފުރުޞަތުތައް ސްކޫލްތަކުގެ ދަރިވަރުންނަށް ފަހިކޮށްދެއްވާފައިވާތީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަރަށް އިޚްލާސްތެރިކަމާއެކު މަރުހަބާ ދަންނަވަން... އަދި ކުޅިވަރު ކަންތައްތައް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވަން". މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ، އެ މިނިސްޓްރީ އާއި، ސްރީލަންކާގެ ނެސްލޭ މައިލޯއާއި ގުޅިގެން 2014 ވަނަ އަހަރު ތަޢާރަފް ކުރި ކަލަރސް އެވޯޑަށް ވާދަކޮށް މި އެވޯޑް ޙާސިލު ކުރާ ދަރިވަރުންގެ ޢަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން ދާ ކަމަށެވެ.

އެގޮތުން 2014 ވަނަ އަހަރާއި އަޅާ ބަލާއިރު، މިއަހަރު މި އެވޯޑް ޙާސިލު ކުރާ ދަރިވަރުންގެ ނިސްބަތް 42 އިންސައްތަ އިތުރުވެފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކަލަރސް އެވާރޑްގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނަށް ދެވޭ ސްޕޯޓްސް ސްކޮލަޝިޕް އަކީ ވެސް ސްކޫލްތަކުގެ ތެރެއިން ކުޅިވަރު ކުޅުންތެރި އުފެއްދުމަށް ލިބިގެން ދިޔަ އިތުރު ހިތްވަރެއް ކަމަށެވެ.

މިސްކޮލަރޝިޕްގެ ސަބަބުން ފެންވަރު ރަނގަޅު ކޯޗުންގެ އެހީތެރިކަމާއެކު ޒަމާނީ ވަސީލަތްތަކުގައި ތަމްރީނު ވުމުގެ ފުރުޞަތު ވަނީ ހޯދާދެވިފައި. ބައެއް ދަރިވަރުންނަށް އެކުދިންގެ ރަށުން ތަމްރީނު ހެދުމުގެ ފުރުޞަތުތައް ލިބިގެންދާއިރު، އަނެއް ބައި ދަރިވަރުންނަށް މާލޭގައި އަދި ޤައުމުން ބޭރުގައި ތަމްރީނުވުމުގެ ފުރުޞަތުތައްވެސް ވަނީ ހޯދާދެވިފައި. ހަމަ މިއާއެކު، ނިންމާފައިވާ ދަރިވަރުންނަށް ކުޅިވަރު ހުނަރު ތަރައްޤީ ކުރުމުގެ ފުރުޞަތެއް ޤައުމުން ބޭރުން ލިބިފައިވާނަމަ، އެ ފަދަ ކުޅުންތެރިންނަށް މަތީ ތަޢުލީމަށް އުނގެނުމުގެ ފުރުޞަތުތައް ހޯދައި ދިނުމަށްޓަކައި މަތީ ތަޢުލީމުގެ ލޯނު އެހީވެސް ދެވޭ". މިިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ސްކޫލް ފެންވަރުގައި ކުޅިވަރު ކުރިއެރުވުމަށް ދެވުނު އިސްކަމުގެ ނަތީޖާއެއްގެގޮތުން، ސްކޫލް އުމުރުފުރާގެ ދަރިވަރުން ޤައުމީ ފެންވަރުގެ ކުޅިވަރު މުބާރާތްތަކުގައި ވެސް ބައިވެރިވާ ޢަދަދު އިތުރުވެގެންދާ މަންޒަރު ކަމަށެވެ.

ޤައުމީ މުބާރާތްތަކުގައި ދަރިވަރުން ބައިވެރިވާ ޢަދަދު އިތުރުވުމާއެކު އެދަރިވަރުންގެ ކާމިޔާބީވެސް އިތުރުވެފައިވާކަން ފާހަގަކުރަން. މިފަދަ މުބާރާތްތަކުން ދަރިވަރުންގެ ކުޅިވަރު ހުނަރު ދެނެގަނެވި، އެފަދަ ދަރިވަރުންނަށް ޤައުމީ ޓީމުތަކުން ޖާގަ ލިބެމުންދާ މިންވަރުވެސް އިތުރުވެގެން ގޮސްފައިވޭ/ އެގޮތުން 2013 ވަނަ އަހަރާ އަޅާބަލާއިރު ސްކޫލް އުމުރުފުރާގެ ދަރިވަރުންނަށް ޤައުމީ ޓީމުތަކުން ޖާގަލިބޭ މިންވަރު 3 ގުނައަށް އިތުރުވެފައިވާކަން އުފަލާއެކު ފާހަގަ ކުރަން". މިނިސްޓަރު ވިދާޅުވިއެވެ.