ސައުތު ކޮރެއާއިން ރާއްޖެއައި ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނުމުން ޭނާ ކަރަންޓީނުވުމަށް ފަރުކޮޅުފުއްޓަށް ދާން ބުނުމުން އެކަމަށް އެއްބާރުލުން ނުދިން މައްސަލައެއް ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދިވެހި ފިރިހެނެއްގެ ބަލަން ޖެހޭ ކަންކަން ބަލައި ޓެސްޓު ކުރުމަށްޓަކައި ފަރުކޮޅުފުށި އައިސޮލޭޝާން ފެސިލިޓީއަށް ގެންދިއުމަށްޓަކައި، ގޭގައި މަޑުކުރުމަށް އަންގަފައި ވަނިކޮށް އެކަމަށް އެއްބާރުލުނުން ނުދީ، އަންގާފައިވާ ގޮތަށް އަމަލުކޮށްފައި ނުވާ މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅަފައިވާ ކަމަށެވެ.

ފުލުހުން ވަނީ ވިލިމާލެއަށް ގޮސް އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއަށް މިއަދު މެންދުރުގެ ވަގުތެއްގައި ހަވާލުކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލަ ގާނޫނުލް އުގޫބާތުގެ 121 މާއްދާގެ ދަށުން ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ގެ އެންގުމާއި ހިލާފަށް އަމަލު ކުރާ މީހުންގެ މައްސަލަ ފުލުހުންގެ މުއައްސަސާއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ބަލަމުން އަންނައިރު ގައިން ގަޔަށް އަރާ ބަލިޖެހޭ މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަރަންޓީން ކުރުމަށް އެމީހުންނަށް އަންގާ އެންގުންތަކަށް ތަބާ ނުވާނަމަ އެކަން ކުރުމުގެ ކޯޓު އަމުރު ނެރޭނެ އުސޫލެއްވެސް މިހާރު އާއްމުކޮށްފައެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ސިވިލް ކޯޓުން މިއަދު އާއްމު ކޮށްފައިވާ އުސޫލެއްގައި ބުނެފައިވަނީ ކަރަންޓީން ކުރުމަށް ދެކޮޅު ހަދާ މައްސަލައެއް ކޯޓަށް ހުށަހެޅުމުން އެ މައްސަލާގައި ޝާމިލުވާ ފަރާތްތަކަށް އެންގުމެއް ނެތި ކޯޓު އަމުރަކަށް އެދެވިދާނެ ކަމަށެވެ. އަމުރުގެ މުއްދަތު އިތުރު ކުރަން ބޭނުން ނަމަ އެކަންވެސް ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ބުންޏެވެ. އެގޮތުން އަމުރުގެ މުއްދަތު އިތުރު ކުރަން ބޭނުން ނަމަ ލިޔުމަކުން އެކަން ކޯޓަށް ހުށަހެޅިދާނެއެވެ.

އެފަދަ މައްސަލައެއް ކޯޓަށް ހުށަހަޅަން ބޭނުންވެއްޖެ ނަމަ އީމެއިލްގެ ޒަރިއްޔާއިން ވެސް މައްސަލަ ކޯޓަށް ހުށަހެޅިދާނެއެވެ. އަދި އެއްވެސް ފީއެއް ނެގުމަކާއި ނުލާ އެފަދަ މައްސަލަތައް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން އާއްމުކޮށްފައިވާ އުސޫލުގައިވެއެވެ.

ސިވިލް ކޯޓުން މިފަދަ އުސޫލެއް އާއްމުކުރިއިރު އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު ބުނާ ގޮތުގައި ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހުންނާއި އެފަދަ ބައްޔެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ވަކި ކަމެއް ނުކުރަން ނުވަތަ ވަކި ކަމެއް ކުރަން އެންގިދާނެ ކަމަށެވެ. އަދި އަންގާ އެންގުމަކަށް ދެކޮޅު ހަދާ ކަމަށް ވާނަމަ އެކަން ތަންފީޒު ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށްވެސް އެ ގާނޫނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔެތު

    ތި މީހާއަށް ގަސްތުގައި މީހެއްގެ ނުވަަތަ ބަޔެއްގެ ފުރާނައަށް ގެއްލުންދޭން އުޅު މުގެ ދައުވާ އުފުލާ!! .

  2. ސާބަސް

    ސައުތު ކޮރެރެއާއިން ރާއްޖެއައީ! އެއާރޕޯޓުން ނުހިފޭއްޓީ ކީއްވެބާ؟؟؟؟

  3. ހަގީގަތް ބެލުން

    ފޯނު ކުރުމުގެ ބަދަލުގައި ލިޔުމުން ދިންނަމަށް ފެންނާން އޮތީސް އަނެއްކާ ގޭގެ ބޭރު ފާރުގައި ލިޔުން ތަތްކުރިނަމަ ރަނގަޅުވީސް ވަގުތުން އެމީހާ ފަރުކޮޅު ފުއްޓަށް ނުގެންދިޔައީ ކީއްވެ އޭނަ ދިޔައީ އެމަޖެންސީގައި ޑޮކްޓަރަށް ދައްކަން