މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން، ކެބް އެމްވީ ޑްރައިވަރުންގެ ފީ %50 ކުޑަކޮށްފިއެވެ.

ކެބް އެމްވީއިން މިކަމާއި ގުޅިގެން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު އެކަމުގެ އަސަރު ޓެކްސީ ހިދުމަތަށް ކޮށް، ދަތުރުތައް މަދުވެފައިވާތީ ކެބް އެމްވީ ޑްރައިވަރުންގެ ފީ %50 ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ހަމަ އެއާއެކު އެ ޓެކްސީ ސެންޓަރުން ހިދުމަތްދޭ ހުރިހާ ކާރުތަކެއް ޑިސް އިންފެކްޓުކުރުމަށް ނިންމާފައިވާ ކަމަށްވެސް ކެބް އެމްވީން ކޮށްފައިވާ އިޢުލާނުގައި ވަނީ ބުނެފައެވެ.

"މި ދަނޑިވަޅުގައި ޓެކްސީ ސެންޓަރުން ހިދުމަތްދޭ ހުރިހާ ކާރުތަކެއް ވެސް ޑިސް އިންފެކްޓު ކުރުމަށް ސްޕްރޭ ކުރުމަށް މި ސެންޓަރުން ވަނީ ނިންމާފަ. ވީމާ ހުރިހާ ޓެކްސީތަކެއް ވެސް ކޮންމެ ދުވަހަކު މި ސެންޓަރަށް އައިސް ސްޕްރޭކުރަމުން ގެންދިއުމަށް ދަންނަވަން." ކެބް އެމްވީގެ އިޢުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެހެން ޓެކްސީ ސެންޓަރުތަކުގެ ކާރުތައްވެސް ޑިސް އިންފެކްޓު ކުރުމުގައި ދަތިތަކެއް ހުރިނަމަ އެކަން ކޮށްދޭނޭ ކަމަށްވެސް ކެބް އެމްވީގެ އިޢުލާނުގައި ވަނީ ބުނެފައެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު މިވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންނަމަވެސް މިހާތަނަށް އަދި އެއްވެސް ދިވެއްސަކު މިބައްޔަށް ފައްސިވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު