ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓުތަކަކާއި ގުޅިގެން މާދަމާ ވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

ކުރެއްވި ޓްވީޓަކާ ގުޅިގެން މަހުލޫފް މިއަދު ވެސް ފުލުހަށް ހާޒިރުކޮށްފައިވާއިރު މާދަމާ ދެ މައްސަލައެއްގައި ފުލުހަށް ހާޒިރުވާން މަހުލޫފް އަށް ޗިޓް ފޮނުވާފައިވެއެވެ.

އެގޮތުން މާދަމާ މެންދުރު 14:30 އަށް މަހުލޫފް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ކުރައްވާފައިވާ ޓްވީޓަކާ ގުޅިގެންނެވެ. އަދި މާދަމާ ހަވީރު 17:00 އަށް މަހުލޫފް ފުލުހަށް ހާޒިރުވާން އެންގީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

މި ދެ މައްސަލައިގައި ވެސް މަހުލޫފް ހާޒިރުކުރަނީ ސުވާލުކޮށް ބަޔާން ނެގުމަށެވެ.

މާދަމާ ފުލުހަށް ހާޒިރުވާން އެންގިއިރު މަހުލޫފް ވިދާޅުވީ މިއީ މާދަމާ ހަވީރު އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާ އަށް އޭނާ ދިޔުން ހުއްޓުވުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

މަހުލޫފް އަކީ އިދިކޮޅު ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުންދާ ފަރާތެކެވެ.