ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ވިޔަފާރީގެ ބޭނުންތަކަށާއި ޗުއްޓީ ދަތުރުތަކަށް ދިވެހިން ދިއުން މަޑުޖައްސާލުމަށް ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ޖިނާހު އެދިވަޑައިގެންފިއެވެ.

ޖިނާހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ފިޔަވައި ވިޔަފާރީގެ ބޭނުންތަކަށާއި ޗުއްޓީ ދަތުރުތަކަށް ބެންކޮކަށް ނުދިއުމަށް ދިވެހިންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ ސިއްހަތަށް ވިސްނާ އިރު، މި ދަނޑިވަޅުގައި މުހިންމު ނޫން ދަތުރުތައް ހުއްޓާލަން ޖެހޭ ކަމަށް ޖިނާހު ވިދާޅުވިއެވެ.

ޖިނާހު ވިދާޅުވި ގޮތުގައި ތައިލެންޑުގެ ކަމާބެހޭ އިދާރާތަކުން ވެސް އެދޭ އެންމެ ބޮޑު އެދުމަކީ ދަތުރުތައް ހުއްޓާލުމެވެ.

ތައިލެންޑަކީ އެންމެ ފުރަތަމަ މިބަލި ފެނުނު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ބިދޭސީންނެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ގިނަ މީހުންނަކީ އިޓަލީވިލާތުގެ ރައްޔިތުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިހާރު ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ބައެއް ގައުމުތަކުން ރާއްޖެ އަށް މީހުން އައުން މަނާ ކުރުން ހިމެނެއެވެ. އަދި ރިސޯޓްތަކުގެ މުވައްޒަފުން 14 ދުވަސް ވަންދެން ރިސޯޓުން ނުފޭބުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެއްވެސް ތަނަކަށް އެއްވެސް ފަތުރުވެރިޔަކު ގެނައުން ވަނީ މަނާ ކޮށްފައެވެ.

އަދި މާދަމާ އިން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ވަނީ ބަންދުކޮށްފައެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކެއްސުމާއި، ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން އަދި ހުން އައުން ހިމެނެއެވެ. ކޮވިޑް-19 އެންމެ ނުރައްކާތެރިކަން ބޮޑުވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.