ރާއްޖޭގެ އެކި ރަށް ރަށަށް އުދަ އަރައި ގެއްލުންތަކެއްވި ނަމަވެސް އިއްޔެ އިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ރަނގަޅު ވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތުދެމުން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވީ ރާއްޖެއަށް އިއްޔެއާއި މިއަދު މޫސުން ރަނގަޅު ކަމަށާއި އުދައިގެ އަސަރު ކުރި ރަށްތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް މިހާރު ލިބެމުންދާ ކަމަށެވެ.

ރާއްޖެއަށް ކުރި ވިއްސާރައިގައާއި އުދަ އެރި ރަށްތަކަށް ވަނީ ފުލުހުންނާއި އެމްއެންޑީއެފްގެ އޭރިޔާ ކޮމާންޑްގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި ވިއްސާރަ މޫސުން އައުމުގެ ކުރިންވެސް ތައްޔާރީތައް ވެފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ވިދާޅުވިއެވެ.

އެގޮތުން އެޕްރީލްމަހުގެ ކުރިން ގޯނި ހޯދުމުގެ މަސައްކަތްކުރި ކަމަށާއި އެގޮތުން 10 ހާހަށްވުރެ ގިނަ ގޯނި ހޯދާ، އޭރިޔާ ކޮމާންޑްގައި ގޯނި ނެތް ރަށްރަށަށް ފޮނުވި ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވިއެވެ. އަދި މިހާރުވެސް ގޯނި ހޯދަމުންދާ ކަމަށާއި ނެތް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެސެންޓަރުން މައުލޫމާތު ދިނެވެ.

އެންމެ ބޮޑަށް އުދަ އެރި ކަމަށް މައުލޫމާތު ލިބިފައި ވަނީ ދެކުނުގެ އަތޮޅުތަކަށް ކަމަށާއި އޭގެ ތެރޭގައި އައްޑޫސިޓީ، ފުވައްމުލަކު، ހިތަދޫ، ތ.އަތޮޅު އަދި ލ.އަތޮޅުތަކުގެ ރަށްތައް ހިމެނޭކަމަށާއި އެފަރާތްތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް ލިބެމުންދާ ކަމަށް ޑިޒާސްޓާއިން ވިދާޅުވިއެވެ.