މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ހޮސްޕިޓަލުތަކުގައި ވިހައިގެން ތިބޭ މީހުން ކައިރިއަށްވެސް ކޮންމެހެން ދާން ޖެހޭ މީހަކު ފިޔަވައި ޒިޔާރަތް ނުކުރުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މޫސާ މުރާދު އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ރައީސް އޮފީހުން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. މުރާދު ވިދާޅުވީ ބަލި މީހުންގެ ކައިރިއަށް ޒިޔާރަތް ނުކުރުމަށް އަންގާފައި ވީނަމަވެސް ބައެއް މީހުން ވިހައިގެން ތިބޭ މީހުން ކައިރިއަށް ޒިޔާރަތް ކުރަމުން ދާކަމަށެވެ. އަދި އެއީ ވިހައިގެން ތިބޭ މީހުންނަކީ ބަލި މީހުން ކަމުގައި ނުބަލާތީ ކަމުގައިވެސް ބެލެވިދާނެ ކަމަށާއި، އެހެން ނަމަވެސް އެއްވެސް މަޖުބޫރު ނޫން ހާލަތެއްގައި މިވަގުތު ހޮސްޕިޓަލުތަކަށް ޒިޔާރަތް ނުކުރުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

"އަޅުގަނޑުމެން ބަލިމީހުން ކައިރިއަށް ޒިޔާރަތް ނުކުރާށޭ ބުނީމަ ވިހައިގެން އުޅޭ މީހުން ކައިރިއަށް އެބަ ޒިޔާރަތް ކުރޭ. އެއީ ބަލިމީހުންނަށް ނުވާތީކަންނޭންގެ އަޅުގަނޑަށް ބެލެވޭ ގޮތުގައި. އެކަމު ވިހައިގެން ތިބޭ މީހުންގެ ކައިރިއަށް ހަމަ އެކުދިން ދެކިލަން ވެގެން ވަރަށް ގިނަ މީހުން އެއްވޭ. އެހެންމަ އަޅުގަނޑުމެން މިދުވަސްކޮޅު މި އިލްތިމާސްކުރަނީ ޒަރޫރީ ބޭނުމެއް ނެތިއްޔާ ހޮސްޕިޓަލްތަކަށް އެގޮތަށް ޒިޔާރްތްކޮށް ނަހައްދަވާށޭ" މުރާދު ވިދާޅުވިއެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުރާދު އިތުރަށް ވިދާޅުވީ، މިދުވަސްކޮޅު އެންމެންނަށްވެސް އެންމެ ރައްކާތެރި ގޮތަކީ ކަމާބެހޭ އިދާރާތަކުން ދެމުން އަންނަ އިރުޝާދުތަކަށް ބޯލަނބައި އެގޮތަށް އަމަލުތައް ބައްޓަން ކުރުން ކަމަށެވެ.

މީގެ އިތުރުން މުރާދު ވިދާޅުވެފައި ވަނީ އަދިވެސް، ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައި އޮތް ނަމަވެސް ބޭނުން ނެތް ކަންކަމުގައި ބޭރުތެރެއަށް ނިކުމެ އުޅޭ މީހުންގެ އަދަދު ގިނަ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން މިބައްޔަށް 13 މީހަކު ޕޮޒިޓިވް ވެފައިވާ އިރު އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކޮށްފައި ވާގޮތުން މިހާރު އެބަލި ޖެހިފައި ތިބި އެންމެންގެ ހާލުވެސް އަންނަނީ ރަނގަޅުވަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރީ

    މި ލިޔުމުގާ ޑޮކްޓަރ މުރާދު އަށް މުރާދު ކިޔާފަ މުހާތަބު ކުރުމުގެ ބަދަލުގައި ނަމުގެ ކުރިއަށް ޑޮކްޓަރ އިނުން މުހިންމު ކަމށް ފެނޭ