ކޮވިޑް-19 ވައިރަސް ރާއްޖެއިންވެސް ފެނިފައިވުމާއި، ރާއްޖޭގެ އިގްތިސޯދަށް އެކަމުގެ ސަބަބުން ލޮޅުންތައް އަރަމުން އަންނާތީ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކުގެ ހަރަދު ކުޑަ ކުރުމަށް ނިންމާފައިވުމާއި ގުޅިގެން އެމްޕީއެލްގެ އިސްވެރިންގެ މުސާރައިން 20 ޕަސެންޓު އުނިކުރަން މިއަދު ނިންމައިފިއެވެ.

އެ ކުންފުނިން ވަނީ ކުންފުނީގެ ބޯޑު މެމްބަރުންނާއި ސީނިއާ އެގްޒެކެޓިވްސް އަދި ޑިޕާޓްމަންޓުތަކުގެ އެންމެ އިސްވެރިންގެ މުސާރަ އިން 20 ޕަސެންޓު އުނިކުރަން ނިންމާފައެވެ. ކުންފުނީގެ އިސްވެރިންގެ މުސާރަ ކުޑަކުރި ނަމަވެސް ކުންފުނީގެ ޖޫނިއާ މުވައްޒަފުންނަށް އެ އުސޫލެއް ނުހިނގާނެއެވެ. އެކުންފުނިން ބުނީ ހަރަދު ކުޑަކުރި ނަމަވެސް ކުންފުނިން ދެމުން ގެންދާ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އެމްޕީއެލްގެ ބޯޑު މެންބަރުންނާއި އިސްވެރިންގެ މުސާރަ 20 ޕަސެންޓު އުނިކުރަން ނިންމާފައިވާއިރު ސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުން އޮފީހަށް ނުކުންނަށް ނުޖެހޭގޮތަށް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި އެ މުވައްޒަފުން އޮފީހުން ނުނިކުތަސް މުސާރައިން ނުކަނޑާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ. އެގޮތަށް އެމްޕީއެލް އިން ވަނީ އެކުންފުނީގެ 70 އަށްވުރެ ގިނަ މުވައްޒަފުން މުސާރަ ލިބޭ ގޮތަށް ޗުއްޓި ދީފައެވެ.

ކޮވިޑް-19 އާ ގުޅިގެން މިއަދު މަޖިލީހުން ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ނާއިބު ރައީސްގެ އިތުރުން މަޖިލިސް މެންބަރުންގެ މުސާރަތައް ވެސް 20 ޕަސެންޓު އުނިކުރަން ނިންމައިފިއެވެ. މީގެއިތުރުން އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއިން މަތިން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިންވެސް %20 އުނިކުރަން ފާސްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުންފުނިތަކާއި ބޯޑުތަކާއި މިނިވަން މުވައްސަސާތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދަކީ 13އެވެ. އޭގެތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ. ބައެއް ބިދޭސީންނަކީ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ. ދެން ތިބީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައިސްތިިބި ފަތުރުވެރިންނެވެ.