ކޮވިޑް-19 އަށް ޝައްކުވި ފަތުރުވެރިޔާގެ މައުލޫމާތު ސިއްރު ކުރަން ޅ.ކުރެއްދޫ ރިސޯޓުން މަސައްކަތް ކުރި ކަމަށް ކަނޑައެޅިގެން ބުނަން އެނގޭނީ ތަހުގީގު ނިމުމުން ކަމަށް އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒް ވިދާޅުވީ، ކުރެއްދޫ ރިސޯޓަށް އެ ފަތުރުވެރިޔާ އައީ މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ކަމަށާއި އެންމެ ފުރަތަމަ އޭނާ ބަލިވެގެން ޑޮކްޓަރަށް ދެއްކީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

އެ ފަތުރުވެރިޔާއަކީ މެޑިކަލް ހިސްޓްރީއެއް އޮންނަ މީހެއް ކަމަށް ވުމާއި، އޭނާ އެންމެ ފުރަތަމަ ކުރެއްދޫގައި ޑޮކްޓަރަށް ދެއްކި އިރު ހުރީ ހުން އައިސްގެން ކަމަށް ވުމާއެކު އެ ފަހަރު ޑޮކްޓަރ ލަފާ ދެއްވީ އެ ފަތުރުވެރިޔާ އާއްމުކޮށް ބޭނުންކުރާ ބޭސް ބޭނުން ކުރުމަށް ކަން ރިޔާޒް ފާހަގަކުރެއްވިއެވެ.

އަދި އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުރެއްދޫ ރިސޯޓްގެ ރެސްޓޯރެންޓް ތެރެއަށް އަނބުރައިގަނެގެން ވެއްޓުމުން އޭނާ އަށް އެ ދުވަހުގެ ހަވީރާއި ހަމައަށް ފަރުވާ ދީފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

އަދި ހަވީރު އޭނާގެ ހާލު ރަނގަޅުވުމުން، އެ ފަތުރުވެރިޔާ ކޮޓަރިއަށް ބަދަލު ކުރީ އޭނާ އަށް ކާބޯތަކެތި ކޮޓަރިއަށް ގެންގޮސްދޭ ގޮތަށް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"އޭގެ ފަހުން 27 ވަނަ ދުވަހު، ޖެހިގެން އައި ދުވަހުގެ ހެނދުނު އަނެއްކާވެސް ފަތުރުވެރިޔާ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ގެންދެވުނު. އެ ފަހަރު ޑޮކްޓަރަށް ދައްކަން ގެންދެވުނީ ކަރުތެރެއަށް އުދަނގޫތަކެއް ވާތީވެ. އެކަމާ ގުޅޭގޮތުން ވެސް އިތުރު ޝަކުވާތަކެއް ހުރުމުން. ޖުމުލަ ގޮތެއްގައި ލިބެން ހުރި މައުލޫމާތަށް ބަލާއިރު އޭރު ފަތުރުވެރިޔާގެ ހުމުގެ މާބޮޑު އަލާމާތެއް ނެތް." ރިޔާޒް ވިދާޅުވިއެވެ.

އެ ދުވަހު ފަތުރުވެރިޔާ ޑޮކްޓަރަށް ދެއްކުމުން އިތުރު ޓެސްޓްތައް ހަދަން ޖެހޭނެ ކަމަށް ފަތުރުވެރިޔާ އަށް އެންގުމުން ފަތުރުވެރިޔާ ޓެސްޓް ހަދަން އިންކާރު ކުރި ކަމަށާއި އެހާ ހިސާބުން ފަތުުރުވެރިޔާ އަށް އަނެއްކާ ވެސް ބޭސް ދިނުމަށް ފަހު ބެޑް ރެސްޓް ކުރާ ގޮތަށް ކޮޓަރިއަށް ފޮނުވާލީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެއަށް ފަހު ކޮވިޑް 19 އާއި ގުޅޭ ހޮޓްލައިން އަށް އެ ފަތުރުވެރިޔާގެ މައްސަލަ ރިޕޯޓްކުރުމާއި މެދު ރިސޯޓްގެ ޑޮކްޓަރާއި މެނޭޖްމެންޓާއި އެކު މަޝްވަރާކުރުމަށް ފަހު ނިންމީ އެ ވަގުތު އޭނާގެ ގައިން ފެންނަން ހުރީ ހުމުގެ އަލާމާތްތައް އެކަނި ކަމަށް ވުމުން ކޮވިޑް-19 އަށް ޝައްކުކުރެވިގެން ރިޕޯޓް ކުރަން ޖެހޭ ކެޓަގަރީ އަށް އޭނާގެ މައްސަލަ ނުފެތޭ ކަމަށެވެ.

އެ ރިސޯޓުން ހޮޓްލައިނަށް ގުޅުމަށް ފަހު މައުލުމާތު ސާފު ކުރީ ކޮވިޑް-19 ޝައްކު ކުރެވޭ މިންގަނޑަށް ބަދަލު އައިތޯ އާއި ރިޕޯޓްކުރަން ޖެހޭ ގައުމުތަކާއި މެދު ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހާއި 29 ވަނަ ދުވަހު ފަތުރުވެރިޔާގެ ހާލު ރަނގަޅުވި ނަމަވެސް، އޭނާ ބަހައްޓާފައި ހުރީ ކޮޓަރީގައި ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އޭގެ ފަހުން ފަތުރުވެރިޔާ މާޗް އެއްވަނަ ދުވަހު ފުރަން އެއާޕޯޓަށް ދިޔަ ފަހުން އަނބުރައިގަނެގެން ވެއްޓުނުކަން ތަހުގީގަށް އެނގޭކަން ރިޔާޒް ވިދާޅުވިއެވެ.

ފަތުރުވެރިޔާ ފުރަން ދިޔަ ދުވަހަކީ އާދިއްތަ ދުވަހެއް ކަމަށް ވާއިރު، އާދިއްތަ ދުވަހަކީ އާއްމުގޮތެއްގައި ވެސް އެއާޕޯޓުގައި ތަންކޮޅެއް ބާރު ބޮޑު ދުވަހެއްކަން ރިޔާޒް ފާހަގަކުރިއެވެ.

"ފަތުރުވެރިޔާވެސް ހުރީ ހަމަ އަނގައާއި ނޭފަތާއި އެއްކޮށް މާސްކްވެސް އަޅައިގެން ކަމަށް ވުމާ އެއްކޮށް އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ދިން މައުލޫމާތުތަކުގެ ތެރޭގައި އެބަ ހިމެނޭ މަދުން ނަމަވެސް މިގޮތަށް ބައެއް ފަހަރު ކިއުގައި ތިބޭ އިރު މިއީ ހޫނުގަދަވުމުގެ ސަބަބުން ނުވަތަ ގިނަ އިރު ވުމުގެ ސަބަބުން އެބަހުއްޓޭ މަދުމަދުން މިފަދަ ހާދިސާތައް ދިމާވެފައި." ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި، ފަތުރުވެރިޔާ އެއާޕޯޓުގައި ހުރި ކްލިނިކަށް ދެއްކި އިރު ހުން ނެތުމާއި، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އެއްވެސް އަލާމާތެއް ނެތުމުން ޑޮކްޓަރު ނިންމީ، އެ ފަތުރުވެރިޔާ އަނބުރައިގެން ވެއްޓުނީ ހޫނުގަދަވުމުގެ ސަބަބުން ކަމަށެވެ.

ރިޔާޒް ވިދާޅުވީ، ރިސޯޓުން ގަސްތުގައި މިކަމުގައި ސިއްރު ކުރުމުގެ ނިޔަތުގައި ކަންތައްތަކެއް ކުރިތޯ ކަނޑައެޅިގެން ދަންނަވަން އެނގޭނީ ހުރިހާ ތަހުގީގުކޮށް މި މައްސަލައިގައި ޝާމިލްވާ މީހުންނާ ސުވާލުކޮށްގެން ކަމަށެވެ.

"ފާހަގަވާ ކަމަކީ ދިމާވި ކަންތައްތަކާއި ގުޅޭ ގޮތުން ރިސޯޓްގެ މުވައްޒަފުންނާއި ޑޮކްޓަރުންނާއި މި ލެވެލްގެ ބޭފުޅުން އަމަލުކޮށްފައި އޮތް ގޮތަށް ބަލާއިރު، އެ ބޭފުޅުންނަށް އެކަށީގެންވާ ގޮތެއްގައި ބަލި މީހާއަކީ ކޮވީޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހެއް ކަމަށް ގަބޫލުކުރެވޭ ފަދަ ސަބަބުތަކެއް ހުރި މީހެއް ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ. އެކަން އަޅުގަނޑުމެން ވެސް މި ދެންނެވީ." ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިޔާ ރާއްޖެއިން ފުރައިގެން ދިއުމަށް ފަހު ވެސް ކުރެއްދޫ ރިސޯޓުން އޭނާ އަށް ގުޅާ ތަކުރާރުކޮށް އޭނާގެ ހާލު ބެލި ކަމަށާއި ފަތުރުވެރިޔާ އަށް ކޮވިޑް 19 ބަލި ޖެހުނުތޯ ބަލަން މަސައްކަތް ކުރި ކަން އެނގޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ކުރެއްދޫ ރިސޯޓުން ކޮވިޑް 19 އަށް ޝައްކު ކުރެވޭ މީހަކު ފެނުމުން އެކަން ސިއްރު ކުރިތޯ ބަލަން ތަހުގީގު ޓީމު އެ ރިސޯޓަށް ދިޔަ ފަހުން، ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބަޔަކު ފެނުމުން އެ ރިސޯޓަށް ސުވާލު ކުރަން ދިޔަ ތަހުގީގު ޓީމު ވެސް ވަނީ ގޭގައި އައިސޮލޭޓްކޮށްފައެވެ.

އެެހެންކަމުން މި ވަގުތު މި މައްސަލައިގެ ތަހުގީގަށް މި ވަގުތު ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ސަރުކާރު ބޭނިދާނެތީ ހާދަ ވަރަކަށް ތި ތެޅެނީ.!! ކިތަންމެ ވަރަކަށް ތަހުގީގު ކުރިޔަސް ތި ކޭހުގަ ސަރުކާރު އޮތީ ބޭނި ހުސްވެފައި!! އެކަން ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ!! މެންދުރުގެ އިރު ފަދައިން އެނގޭކަމެއް މީ!!!

    15
    4
  2. މުހައްމަދު އަހްމަދު

    ސަރުކާރުން އަޅާނުލީ... އިޓަލީ ޕްރޮޓޮކޯލް ތެރޭ ނުހިމެނެއޭ ކިޔާފައި.

    16
    2
  3. ވަޒީރެއާލާ

    ދުނިޔެ ނިމުނަސް ތިޔަ ތަހުގީގު ނުނިމޭނެ.

    17
  4. އަލިފު!

    ތި ތަޙްޤީޤު ނިމޭނީ މަރުކޮމިޝަނުގެ ތަޙްޤީޤުތައް ނިމުނު ގޮތައް! ތި މައްސަލާގައި މިއަދުގެ ސަރުކާރުގެ މަތީ ދެފަރާތެއް ޝާމިލުވޭ! ވުމާއެކު ކުރެއްދޫރިސޯޓު ކުއްވެރި ނުކޮށް ތަޙްޤީޤު ނިންމަން ގޮނޑިކޮށްކޮއަށް އެބަމަޖުބޫރުވޭޭ! ވަރަށްސަލާމް!

  5. މަސީހު

    ދުނިޔޭގެ ސިއްހަތުޖަމިއްޔާއިން މިހާރުވެސްބުނަމުން އެބަދޭ އިންޑިޔާމިކަމުގަ ފަރުވާކުޑަވާހަކަ ނަމަވެސް ރާއްޖެއަދުވެސް އިންޑިޔާބުނާގޮތް ހަދައިގެން މިތިބެނީ މިކަމުގެސަބަބުން ކަމެއްގޯސްވެއްޖެނަމަ ދެންކަންޑާލާނީ ސޭޓްގެބޮލައްތޯ.

  6. ޑިކްޓޭޓަރ

    އެއްވެސް ކަމެއް ނޭންގޭކަމަށް ހަދައިގެން ތިބެ ރިސޯޓު މެނޭޖްމެންޓުން އެމީހާ ގައުމުން ބޭރުކޮށްލަން އުޅުނުކަން އެބަ ޔަގީންވޭ. ތިމީހާގެ އަލާމާތްތައް ފެނުނުއިރު އަދިއެކަން ޔަގީންކުރަން ހެލްތު މިނިސްޓްރީއަށް ގުޅިއިރުވެސް އެފަދަ އަލާމާތްތައް ހުރިކޭސް އެއް ރިޕޯޓްނުކޮށް ބެލީ އެމީހާ ފުރުވާލެވޭތޯ. އަދި ރިސޯޓުގަ އެމީހާ އެކަހެރިކޮށް މެނޭޖްމެންޓުން އެމީހާއަށް ވަކިން ކާންދީ އެމީހާގެ ކަންކަން ބަލާފަވަނީ އާންމުއުސޫލުން އެކަންކުރާ ގޮތަކުން ނޫންކަން އެނގޭއިރު، އެއީ ކޮރޯނާގެ އަލާމާތްކަން އެނގޭއިރު، އެކަންވަނީ ސިއްރުކޮށްފަކަން އެބަހެކިދޭ. ރިސޯޓުން ކޮށްފައޮތީ ބޮޑުކުށެއް. ޒިންމާނަގަންޖެހޭ.

    6
    1
  7. ޗަމްޕާ

    255 މިލިއަނުން ތި އޮތީ މައްސަލަ ނިންމާފަ! ސަރުކާރު އެއޮތީ ޗަމްޕާ އަށް ވިކި ހުސްވެފަ!

  8. ާސުރެން ސުރެން

    މުވައްޒަފުންތައް މުސާރަ ނުލިބޭގޮތަށް ސަސްޕެންޑު ކުރުމާ މިހާރު ހިނގާ ކޮވިޑް ސިއްރު ކުރުމުގެ ކަންކަން މީ ނުހިނގާ ކަންކަންކަމަށް ވެދާވަރުގެ އަދަދެއް ބަޖެޓް ސަޕޯރޓް ދީފިން. ދެން ނިމުނީނު