ފުލުހުންނަށް މައްސަލައެއް ހުށައެޅުމަށް ފުލުސް އޮފީހަށް ދިއުމުގެ ބަދަލުގައި އޮންލައިކޮށް މައްސަލަތައް ހުށައެޅޭ ގޮތް ފުލުހުން ހަދައިފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގާ ގުޅިގެން އަމަލު ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި މިއަދުން ފެށިގެން އެ އުސޫލަށް އަމަލު ކުރަމުންދާ ކަމަށެވެ.

އެގޮތުން ރިޔާޒް ވިދާޅުވީ ފުލުހުންނަށް މައްސަލަ ހުށައެޅުމުގެ ބަދަލުގައި އޮންލައިންކޮށް މައްސަލަ ހުށަހެޅޭ ގޮތް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބަޔާން ނެގުމުގައިވެސް ފުލުހަށް ހާޒިރުވުމުގެ ބަދަލުގައި އޮންލައިންކޮށް ހުށައަޅާ ފޯމް މިވަގުތަށް ބަޔާނެއްގެ ގޮތުގައި ބޭނުން ކުރާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެެ ހާލަތު އިއުލާންކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސަރުކާރުގެ ބައެއް އޮފީސްތައް ބަންދުކޮށް އާންމުން އެއްވެ އުޅުން މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 13 މީހުން ޕޮޒިޓިވް ވެފައިވާއިރު ކަމާބެހޭ މާހިރުން ވަނީ ގޭގައި މަޑުކޮށް ގިނައިން ސާފްތާހިރުވުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު