އެއްވެސް ކަހަލަ އަރިދަފުސް ރޯގާ އެއް ނުވަތަ ހުން އައުން ފަދަ ބައްޔެއް ހުރިކަން ފާހަގަ ކުރެވޭނެ ނަމަ ބަހާއި ފެރީގެ ހިދުމަތް ބޭނުން ނުކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއްޔެ އެދެފިއެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ބަހާއި ފެރީގެ ހިދުމަތް ހޯއްދަވާ ފަރާތްތަކުން އެއްވެސް ކަހަލަ އަރިދަފުސް ރޯގާއެއް ކަހަލަ އަލާމާތެއް ހުރި ކަމަށްވާ ނަމަ ބަހާއި ފެރީ ވެސް ބޭނުން ނުކުރުން ވަރަށް މުހިއްމު ކަމަށެވެ.

ޝާހިދު ވިދާޅުވީ ބަސް ސްޓޮޕްތަކުގައި ގާއިމުކޮށްފައިވާ އަތް ދޮވުމުގެ ވަސީލަތްތަކުގެ ބޭނުން ހިފައި ވީހާވެސް ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުން މުހިންމު ކަމަށެވެ. އަދި ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ބަހާއި ފެރީގެ ދަތުރުތައް ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ޝާހިދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެމްޕީއެލް މުވައްޒަފުންނާއި ކަސްޓަމަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

އެ ކުންފުނިން އަންނަނީ މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރުކުރާ ބަސްތަކާއި، ދެކުނުގައި ދުއްވާ ފެރީތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވެ ފިޔަވަޅުއެޅުމަށް އެކި ވުޒާރާތަކުން އަދި ކުންފުނިތަކުން ގޮވާލަމުންދާ އިރު އެމްޓިސީސީ އިން ވެސް ވަނީ ދަތުރުތަކުގެ ނިޒާމް ބޭނުންކުރާ ފަރާތްތަކަށާއި މުއްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކޮން އިރަކުން ޕަބްލިކް ޓްރާންޕޮޓޭޝަން ހުއްޓާލާނީ؟ މިސްކިތް އެކަނި ބަންދުކުރިއަކަސް ކަމަކު ނުދާނެ

  2. މުހައްމަދު އަމީން

    މީ މިހާލަތުގަ ކޮންމެހުނުންވެސް ހުއްޓާލަން ޖެހޭ