ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާ ދަނޑިވަޅުގައި މޯލްޑިވް ގޭސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް އާއި މެނޭޖްމަންޓްގެ އިސް ބޭފުޅުން ގޭސް ފުޅި ޑެލިވަރީ ކުރުމުގެ މަސައްކަތް މިއަދު ފައްޓަވައިފިއެވެ.

މޯލްޑިވް ގޭސް އިން ބުނީ އެ ކުންފުނިން ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ. މި ދަނޑިވަޅުގައި ވެސް އެ ކުންފުނިން ދެމުން އަންނަ އެއްވެސް ހިދުމަތަކަށް ބުރޫ އަރާފައި ނުވާ ކަމަށް ވެސް މޯލްޑިވް ގޭސް އިން ބުންޏެވެ.

މި އުދަނގޫ ދަނޑިވަޅުގައި ވެސް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ އެ ކުންފުނީގެ މުވައްޒަފުންނަށް އިކްރާމް ހިތްވަރު ދެއްވާ ކަމަށް މޯލްޑިވް ގޭހުން ވަނީ ބުނެފައެވެ.

މޯލްޑިވް ގޭހުން ބުނި ގޮތުގައި އެ ކުންފުނިން ގޭސް ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް (މާސްކް) އަޅައިގެންނެވެ.

 

މެނޭޖަރު ލެވްލްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނާ އެކު، އެ ކުންފުނީގެ އެމްޑީ ބައިވެރިވެވަޑައިގަތީ މުވައްޒަފުންނަށް ހިތްވަރުދޭން ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

ކޮވިޑް-19 ވައިރަހާއި ގުޅިގެން ބައެއް ކުންފުނިތަކުން ދެމުން އަންނަ ހިދުމަތްތައް ވަގުގީ ގޮތުން ވަނީ މެދުކަނޑާލައިފައެވެ. މި ވައިރަހާ ގުޅިގެން ސަރުކާރުގެ ކުންފުނިތަކުން ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ގޭގައި ތިބެ މަސައްކަތް ކުރެވޭ މުވައްޒަފުން ގޭގައި ތިބެ މަސައްކަތް ކުރުމަށް ހަމަޖެއްސުމާއި، މަސައްކަތުގައި ހޭދަކުރަން ޖެހޭ ވަގުތު ނުވަތަ ދުވަސްތައް މަދުކުރުން އޭގެ ތެރޭގައި ހިމެނެއެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ބިދޭސީންނެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ގިނަ މީހުންނަކީ އިޓަލީވިލާތުގެ ރައްޔިތުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިވެހި ދަރިއެއް

    ތި މީހުންނަށް އެނގޭނީ ޓަންޓް ޖައްސަން، މެނޭޖް ކުރަން ނޭނގޭނެ، އަދި މި ފަދަ ދަނޑިވަޅުގައި ގޭސް ހިލޭކޮއް ނުވަތަ އަގުހެޔޮކޮށް ވީ ގެއްލުން ފޫބެއްދުމުގެ ޤާބިލް ކަން އެބަޖެހޭ ހުންނަން.

  2. ފަޒުނާ

    ދެއްކުން ތެރިކަމަކުން އާހިރުގަ ފައިދާއެއް ނުކުރާނެ. ފޮޓޯނެގީ ދައްކަން . ފޮޓޯނުނަގާ ތި ކަންތައް ކުރިނަމަ ހެޔޮކަމަކައްވާނެ

  3. ޙެރީ

    ދިވެހިން ދިވެހިންގެ ގޮތުގަ. ރަނަގަޅު އެއްގޮތެއްވެސް ނޯވޭ މިމީހުންނަކަށް. ރަނގަޅު ކަމެއްކޮށްފިއްޔާ އެއީ ދެއްކުންތެރިކަން. މީހުން ކުރާ ރަނގަޅު ކަމައް ތައުރީފުކޮށްފިއްޔާ މިމީހުން ފާފަވެރިވާނެ ތޯއްޗެއް.

    1
    2