ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ސަބަބުން ސްރީލަންކާއަށް އެތެރެވުމަށް އެއްވެސް ބާވަތެއްގެ ވިސާ ދޫކުރުން އެޤައުމުން ހުއްޓާލާފައިވާ މި ދަނޑިވަޅުގައި އެޤައުމުގައި ތިއްބާ ވިސާ ހަމަވާ ދިވެހިންނަށް އިތުރު 30 ދުވަހު ލަންކާގައި ތިބުމުގެ އިންތިޒާމް އެޤައުމުން ހަމަޖައްސައިފިއެވެ.

ސްރީލަންކާ ސަރުކާރުން ނިންމާފައިވަނީ މިމަހުގެ 14 އިން އަންނަ މަހުގެ 12 އާ ދެތެރޭ އެ ޤައުމުގައި އުޅޭ ބިދޭސީންނަށް ލިބިފައިވާ ހުރިހާ ކެޓަގަރީއެއްގެ ވިސާ 30 ދުވަހުގެ މުއްދަތަކަށް އިތުރުކުރުމަށެވެ.

އެހެން ނަމަވެސް މި ފަރާތްތަކުން އެކަމަށް ދައްކަންޖެހޭ ފީ ދެއްކުމަށާއި ޕާސްޕޯޓްގައި އެކަމާ ގުޅުންހުރި ސްޓޭމްޕް ޖެހުމަށްޓަކައި، 8 ނޫނީ 9 އޭޕްރިލް ގައި ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަންގެ ވިސާ ޑިވިޜަން އަށް ހާޒިރު ވުމަށް ވެސް ވަނީ އެދިފައެވެ.

މި އިންތިޒާމްގެ ދަށުން ސްރީލަންކާގައި މިވަގުތު ކުރު މުއްދަތުގައި ވިސާ އަދި ރެޒިޑެންޓް ވިސާގައި ތިބި ދިވެހިންނަށްވެސް އެއްވެސް މައްސަލައެއް ނެތި އިތުރު 30 ދުވަހުގެ ވިސާ ހަމަޖެހިގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ ފްލައިޓްތައް މެދުކަނޑާލުމާ ގުޅިގެން ދަތުރުކުރުމުގައި ދަތިތައް ދިމާވި ފަރާތްތަކަށް ކުރިމަތި ވިސާގެ މައްސަލަތަކަށްވެސް ވަނީ ހައްލު ލިބިގެން ގޮސްފައެވެ.

މީގެ އިތުރުން މިމަހުގެ 1 އިން 15 އާއި ދެމެދު އިރާން، ދެކުނު ކޮރެއާ އަދި ޔޫރަޕުގެ އެއްވެސް ޤައުމަކުން ސްރީލަންކާއަށް ދަތުރުކުރުމަށްފަހު މިވަގުތު އެޤައުމުގައި ތިބި ހުރިހާ ފަރާތްތައް، ވީ އެންމެ އަވަސް ފުރުސަތެއްގައި އެފަރާތާ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަންގައި ނޫނީ 119 ކޯލް ސެންޓަރ އަށް ގުޅައިގެން ރެޖިސްޓަރ ކުރުމަށްވެސް ވަނީ އަންގާފައެވެ

ކިޔުންތެރިންގެ ހިޔާލު