ދައުލަތުގެ ވަކީލުން ކޯޓަށް ނުގޮސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވައިފިއެވެ.

އެކަން ފާހަގަކޮށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ ފުރަތަމަ ފަހަރަށް އޯޑިއޯ ވީޑިއޯ ކަނެކްޝަން ގާއިމްކޮށް، ކްރިމިނަލް ކޯޓާއި އެކުގައި މިއަދު އަޑުއެހުމެއް ބާއްވާފައިވާ ކަމަށެވެ. އެ އަޑުއެހުމަކީ މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމުގެ މައްސަލައެކެވެ.

ޕީޖީ އޮފީހުން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ފަދައިން ޝަރީއަތުގެ މަރުހަލާގެ ކުރިން ބާއްވާ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ކުރިއަށްގެންދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 113ވަނަ މާއްދާގައި ބުނެފައިވަނީ ޝަރީއަތުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ހާޒިރުވުމަށް ކޯޓުން އަންގަންވާނެ ކަމަށެވެ. އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ސީދާ ހާޒިރުވުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ މާއްދާގައި ބުނެފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޝަރީއަތުގެ އެމަޖިލީހުގައި ބައިވެރިވުމަށް އެ ގާނޫނު ހުރަހެއް ނާޅާ ކަމަށްވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވެއެވެ.

ޕީޖީ އޮފީހުން އެފަދަ ގޮތަކަށް އަޑުއެހުމެއް ބޭއްވުމުން ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު އެކަމަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީޑިއޯ ކޮންފަރެންސް ކޯލު ބޭނުން ކުރުމުން ޝަރީއަތުގެ މަރުހަލާ އަވަސްވާނެ ކަމަށެވެ. އަދި އެކަމުން ކޯޓުތަކުގެ މަސައްކަތްތައް އަވަސްކޮށް، ހަރަދުކޮށް ކުޑަކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ކޯޓުތަކުގައި ކުރިޔަށް ގެންދަނީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގުމުގެ ކަންކަމެވެ. އެގޮތުން އެ ވަސީލަތް އެންމެ ގިނައިން ބޭނުންކުރާ ކޯޓަކަށް ކްރިމިނަލް ކޯޓު ވެގެންދާނެއެވެ.