ކޮވިޑް-19 ވައިރަހާއި ގުޅިގެން ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ދިނުމަށް ގާނޫނުގައި ލާޒިމްކުރާ ރޯދަ އެލަވަންސް ކަނޑާނުލާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ އެ އެލަވަންސް ކަނޑާލާނެ ކަމާއި މެދު ދެވެން އޮތީ ސިމްޕަލް ޖަވާބެއް ކަމަށާއި، އެ އެލަވަންސް ކަނޑައެއް ނުލާނެ ކަމަށެވެ.

ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ރޯދަމަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ދޭން ޖެހެެއެވެ. އެއޫ ވަޒީފާ ދޭ ފަރާތްތަކަށް ގާނޫނުން ލާޒިމްކުރާ ކަމެކެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގަ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ، މިހާރު ރާއްޖެ މި ވަމުންދާ ހާލަތުގައި އޮތް ކަމުގައި ވީނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ފަދަ ނިންމުމެއް ސަރުކާރުން ނުނިންމާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް - މުހައްމަދު އަފްޒަލް

އަދި އެފަދަ ހާލަތެއްގައި މުވައްޒަފެއްގެ ވަޒީފާ ގެއްލޭ ހިސާބަށް ކަންކަން ދިޔަ ކަމުގައި ވީނަމަވެސް ގައުމުގެ ކަންކަން ހަމައަކަށް އެޅުމާއި އެކު އެފަދަ މުވައްޒަފުންނަށް ގެއްލޭ ވަޒީފާ ދިނުން ނުވަތަ އިތުރު ޓްރެއިނިން އެއް ދީ ވަޒީފާ އަށް ނެރުމަށް ވާހަކަ ދެކެވެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރޭގައި ސަރުކާރުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާންކޮށްފައިވާ މުހިންމު ކަންކަމުގެ ތެރޭގައި، ވިޔަފާރިތައް މުޅިން ބަނގުރޫޓުވިޔަ ނުދިނުމަށް، ބޭންކުތަކުން ވިޔަފާރިވެރިން ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓު ރޭޓު ކުޑަކުރުމާއި، އަދި އެލޯނުތައް ދެއްކުމަށް ދީފައިވާ މުއްދަތު ތިން އަހަރާއި ހަމަޔަށް ދިގުކުރުމާއި ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ބައެއް މުހިންމު ފިޔަވަޅުތައް އެޅުމަށް ނިންމުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޏމމމ

    ?????

  2. ސައްޔިދު ދީދީ

    ރާއްޖޭގެ މިހާރުގެ ޙާލަތަކީ ހަމައެކަނި މުވައްޒަފުން ނަށް ރޯދަ ޢިނާޔަތު ދިނުމެއްނޫން. ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަމަހަށް ޚާއްސަކޮށް މަދުވެގެން 3000ރުފިޔާގެ އެލަވަންސެއް ދޭން އެބަޖެހޭ. އެއީ ގައުމުގެ ހާލަތުން ޟަރޫރީ އެންމެ ކުޑަމިންވަރު.