ކޮވިޑް19 އާ ގުޅިގެން ޖަލުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަކީ އެންމެންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ ދަށުގައާ އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި މެދުވެސް ކޮވިޑް19 އާ ގުޅިގެން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން ގައިދީންނަށާއި ގައިދީންގެ އާއިލާތަކަށްވެސް ދަތިތަކެއް ކުރިމަތިވާނެކަން ގަބޫލުކުރައްވާ ކަމަށާއި އެކަމަކީ ގައިދީންނާއި ގައިދީންގެ އާއިލާތަކާއި ހުރިހާ ރައްޔިތުންގެ މަސްލަހަތަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގައިދީންނަށް އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތައް ފޫބެއްދުމަށްޓަކައި މިވަގުތު ކޮށްދެވެން އޮތް ކަމެއްގެ ގޮތުން ފޯނު ކޯލު ދޭ މިންވަރު ވަނީ އިތުރުވެފައި،" ހޯމް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި މުޖުތަމައުގައި ކުށްކުރާ ފަރާތްތަކުގެ ސަބަބުން މެދުވެރިވެދާނެ ކަންކަމުން ރައްކާތެރިވުމަށްޓަކައި ހުރިހާ ރައްޔިތުން ހޭލުންތެރިވެ އެފަދަ ކަންކަމުން ސަލާމަތްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިފަދައިން ވިދާޅުވެފައި މިވަނީ ކޮވިޑް19 ގެ ސަބަބުން ޖަލުތަކުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މާފުށި ޖަލާއި މާލެ ޖަލުގައި ދާދިފަހުން ހަމަނުޖެހުންތަކެއް ހިނގާ ގައިދީންތަކަކަށާއި ޖަލު އޮފިސަރުންތަކަކަށް އަނިޔާވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ޖަލު އޮފިސަރަކަށް މަގުމަތިން ވެސް ދާދިފަހުން ވަނީ ހަމަލާ ދީފައެވެ.

އެކަމާއި ގުޅިގެން ކަރެކްޝަނުން މީގެކުރިން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ކަރެކްޝަނުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ޖަލުތަކުގެ ހާލަތާއި ގުޅޭ ގޮތުން ދޮގު ވާހަތަކައް ފަތުރަމުން އަންނަ ކަމަށާއި އެކަމާއި ކަންބޮޑުވާ ކަމަށް ބުނެފައެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ބަންދު މީހުންނާއި ގައިދީންނާއި އަދި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި މަސައްކަތަށް ބުރޫ އަރާ ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެއެވެ.

ކަރެކްޝަނުން ބުނީ އެ ސާވިސްއާ ގުޅޭ ގޮތުން ދޮގު ހަބަރުތަކާއި ވާހަކަތައް ފަތުރަމުން ގެންދާތީ އެ ސާވިސްގެ މުވައްޒަފުންނާއި އޮފިސަރުންގެ މެދުގައި އާއްމު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދެމުން އަންނަ ކަމަށެވެ. އަދި އެކަން ކުށްވެރި ކުރާ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ. ކަރެކްޝަނުން ބުނީ ޖަލުތަކުގެ ރައްކާތެރިކަމަށްޓަކައި ގާނޫނުން ލާޒިމް ކޮށްފައިވާ ގޮތުގެ މަތިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެ ސާވިސް އިން އަޅަމުން ގެންދާނެ ކަމަށެވެ.

މީގެއިތުރުން ކުށްކުރާ ފަރާތްތަކުގެ ވާހަކަ މިނިސްޓަރު އިމްރާން ވިދާޅުވެފައި މިވަނީ ކޮވިޑް19 އާ ގުޅިގެން އޮންލައިންކޮށް ފޭރުމުގެ މައްސަލަތަކެއް އިތުރުވަމުން އަންނަ ކަމަށް އިންޓަޕޯލްއިން ފުލުހުންނަށް ވެސް އަންގާފައިވާ ދަނޑިވަޅެއްގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނައީމް

    އެހެން ވެތަ ކަލޭ ދެއިރު ދެދަަޅަޔަށް ރައީސްޔާމީން ސިފައިންގެޔަށް ތިޔަ ހާޒިރުކުރަނީ ބަލަ ވިސްނުންތެރި ހިކުމަތްތެރި ޔާމީން އަޒުމް ވަރުގަދަވާނެ ރާއްޖޭގެރޮކެޓް ތަރައްގީގެ ބާނީ ތިމީހާވެސް އަބަދަކު ތިމަގާމަކު ނުހުރެވޭނެދޯ ދެން 5އަހަރުފަސް

    13
  2. މުނާފިގު މުސަޅު

    އިސްތިއުފާ ނާގާބިލް އިމްރާނު