އެހެން ގައުމުތަކުން ފުރާ ޔޮޓާއި ސަފާރީ ރާއްޖެ އައުމާއި އަދި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިރޭ ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ އެހެން ގައުމުތަކުން ފުރާ ޔޯޓާއި ސަފާރީ ފަދަ އުޅަނދުތައް ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރު ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އެކަމަނާ މިގޮތަށް ވިދާޅުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކަމަނާ އަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

އެކަމަނާ ވިދާޅުވީ އެ އެންގުމަށް ހުރިހާ ފަރާތްތަކުންވެސް އަމަލު ކުރުމަށް އެދޭ ކަމަށެވެ. އަދި އެ އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދެމުން ގެންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށްވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއާއެކު ރާއްޖެއިން އަންނަނީ އިތުރު ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި އެކު އެ ގާނޫނުގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރު ނުކުރުމަށާއި މީހުން ދިރިއުޅޭ ރަށްތަކަށް ފަތުރުވެރިން ނުގެންދިއުމަށާއި އަދި ރަށްތަކުގައި ތިބި ރިސޯޓުތަކުގެ މުވައްޒަފުންނަށްވެސް ރިސޯޓުތަކަށް ނުދެވޭ ގޮތަށް ވަނީ ފިޔަވަޅުތައް އަޅާފައެވެ.

ރާއްޖޭގައި ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު އެ ހުރިހާ އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނާއި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައިސްފައިވާ ފަތުރުވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢއއ

    ޜައްޔިތުންނަށް ވުރެ ސަރުކާރު ޒިންމާވާން އެބަޖެހޭދޯ. ޢަހަރެމެންގެ ފޯރުންތެރިކަން ހުރިވަރުން ރިސްކުނެގުން އެދެން. ޙޮސޕިޓަލްގަ 10 އެނދު ހުރިއިރު އެޔާ އެކަށީގެނަވާވަރަށް މީހުންވެސް އެތެރެބކުރަށްވާ.

    5
    1